އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޗައިނާއިން ޓައިވާނަށް އަރައިގެންފި ހާލަތެއްގައި އެމެރިކާ ސިފައިން ޓައިވާނަށް ދިފާއު ކުރާނެ ކަމަށެވެ. ބައިޑަން މިހެން ވިދާޅުވީ އިންޓަވިއުއެއްގަ އެވެ. ބައިޑެން ވިދާޅުވަނީ އެމެރިކާއިން ޓައިވާން ދިފާއު ކުރުމަށް ދީފައިވާ ކޮމިޓްމެންޓް ހަމަ އެގޮތުގައި އޮތް ކަމަށެވެ. އަދި އެ ސިޔާސަތަށް ބަދަލެއް އައިސްފައި ނުވާނެ ކަމަށެވެ.

ބައިޑެންގެ އިންޓަވިއުއާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ޓައިވާނާ މެދު އެމެރިކާގެ ސިޔާސަތަށް އެއްވެސް އިރެއްގައި ބަދަލެއް ނާންނަ ކަމަށެވެ. އެމެރިކާއިން ޓައިވާނަށް އަސްކަރީ ގޮތުން އަމަލީ އެހީތެރިކަން ދޭނެތޯ އެކި ފަހަރުމަތިން އެމރިކާގެ މަސްއޫލުވެރިންނާ މީޑިއާއިން ސުއާލުކޮށްފައި ވެއެވެ. ނަމަވެސް މަދު ފަހަރެއްގައި ނޫނީ ސާފު ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް މީގެ ކުރިންވެސް މިހެން ވިދާޅުވެފައިވެއެވެ. މިއަހަރުގެ ކުރީކޮޅު ޓޯކިޔޯގައިވެސް ބައިޑެން ވަނީ އެވާހަކަތަކުރާރު ކޮށްދެއްވާފައެވެ.

މެއި މަހު ބައިޑަންއާ ސުއާލު ކުރެވުނީ ޗައިނާއިން ޓައިވާނަށް އަރައިފިނަމަ އަސްކަރީ ގޮތުން އެމެރިކާ ބައިވެރިވާނެތޯ އެވެ.

"އާނ... އެއީ އަޅުގަނޑުމެން ކޮށްފައިވާ ކޮމިޓްމަންޓެއް،" ބައިޑެން ވިދާޅުވިއެވެ.