ސަމަރ އައިލެންޑުގެ މުވައްޒަފުންނަށް ސީޕީއާރު އޭއީޑީ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ސެޕްޓެންބަރު 19 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 10 މުވައްޒަފުން ބައިވެރިވެ ތަމްރީން ހަދަމުންދާ ކަމަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ހަށިގަނޑުގެ ނޭވާލާ ނިޒާމާއި ސަރކިއުލޭޓަރީ ސިސްޓަމް މަސައްކަތްކުރާ ގޮތާއި ސީޕީއާރު ދޭނެ ގޮތްތަކާއި ސީޕީއާރު ދިނުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހިމެނެއެވެ. އަދި އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރ މެޝިން ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތްކުރާނެ ގޮތްތައް ވެސް މި ޕްރޮގްރާމުގައި ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ސީޕީއާރަކީ ނޭވާ ނުލައި، ވިންދު ނެތް މީހެއް ގަދަކަމުން ހިތް ޕަމްޕުކޮށްދީގެން ފުރާނަ ސަލާމަތް ކުރާނެ ގޮތެވެ. އަދި އޭއީޑީއަކީ ހިތް ރީސްޓާޓު ކުރުމަށްޓަކައި ބޭނުންކުރާ މެޝިނެވެ. މި ޕްރޮގްރާމުގައި މި ދެގޮތް ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.