ޖަޕާނުގެ ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމުގައިވާ ކިޔޫޝޫއަށް އިއްޔެ އެރި ބާރަގަދަ ތޫފާން "ނަންމަޑޯލް" ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ނުވަ މިލިޔަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ.

މަޝްހޫރު ނަގަސާކީ އާއި ފުކުއޯކާ ހިމޭ މިސަރަހައްދަށް އެރި ބާރުގަދަ މިތޫފާނުގެ ސަބަބުން މިހާތަނަށް 2 މީހުން މަރުވެ 87 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 350،000 ގެއިން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ތޫފާނުގެ ބާރުމިން ހުރީ ގަޑިޔަކު 145 މޭލު ބާރު މިނުގައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި 400 މިލިމީޓަރުގެ ވާރޭ ކިޔޫޝޫ ހިމެނޭ ސަރަހައްދަށް ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ޖަޕާނުގެ ގައުމީ ޓީވީ "އެންއެޗްކޭ" އިން ބުނެފައި ވަނީ ތޫފާނުގައި މިހާތަނަށް މަރުވި ދެމީހުންގެ ތެރެއިން އެކަކު މަރުވީ ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ކާރު ތެރޭގައި ތާށިވުމުގެ ސަބަބުން ކަމަށެވެ. އަދި ދެވަނަ މީހާ މަރުވީ ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާއެއްގައި ކަމަށެވެ.

ނަންމަޑޯލްގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީވެ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކުޝީޑާ، އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އދ.ގެ ޖެނެރަލް އެސެމްބްލީގައި ކުރެއްވުމަށް ހަމަޖެހިފައިވާ ތަގުރީރު މާދަމާގެ ނިޔަލަށް ވަނީ ފަސްކުރައްވާފައެވެ.