އައްޑޫ ސިޓީގައި ވައްކަން ކުރުން އިތުރުވުމުން އެކަމާ ދެކޮޅަށް އެސިޓީގެ ފޭދޫގައި މުޒާހަރާ ކޮށްފިއެވެ.

ފޭދޫ އަވަށު އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގެ ބައިވެރީން އަޑު އުފުލާފައިވަނީ ވައްކަންކުރާ މީހުން ހިފަހައްޓައި ހައްގު އަދަބު ދިނުމަށެވެ. އެ މީހުން މުޖުތަމައަށް ދޫވެފައި ތިބޭ ކަމަށްވާނަމަ ވައްކަމުގެ މައްސަލަތައް ނުހުއްޓުވޭނޭ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

"ބަދިގޭގައި ހުރެފައި ގެއަށް އަންނައިރު ގެއިން ވައްކަން ކޮށްގެން އެ ފިލަނީ. ގެއިން ބަދިގެއަށްދާއިރު ވެސް ހަމަ އެފަދަ. ވައްކަންކުރަން ވެސް މިހާރު ދުވާލެއް ރޭގަނޑެއް ނޯވޭ. މިއީ ފުލުހުން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭކަމެއް،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

މުޒާހަރާގައި ބޭނުންކޮށްފައިވާ ޕޯސްޓަރުތަކުގައި ވެސް ވަނީ ބައިވެރީންގެ ޝުއުރުތައް ލިޔެފައެވެ. އެގޮތުން "ވައްކަން ކުރާމީހުންނަށް ހިމާޔަތްނުދީ، ހައްގު އަދަބު ދިނުމަށް ގޮވާލަން،" ލިޔެފައިވެއެވެ. އަދި "ފޭދޫ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ" މިހެން ވެސް ލިޔެފައިވެއެވެ. "ގޭ ބަންދަށް ދޫނިކެރައު، ތެވެރީން ގޭ މަޑަނިވެއި" ވެސް ލިޔެފައިވެއެވެ.

މުޒާހަރާގެ އެހެން ބައިވެރިއަކު ބުނެފައިވަނީ ފޭދޫއިން ދުވާލަކު ދެތިން ހަތަރުތަނުން ވައްކަންކުރާ ކަމަށެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އެފަދަ މައްސަލަތައް ފުލުހަށް ހުށަހެޅުމުން އެފަދަ މީހުން ބަންދުކޮށްގެން ފުލުހުން ގެންދަނީ ކޯޓަށެވެ. "އެހެނަސް ޕޮލިހުންނާއި ކޯޓާއި ދެތަނުން ބުނަނީ ދެވާހަކަ. ފުލުހުން ބުނަނީ މައްސަލަ ކޯޓަށް ގެންދަނީ ގަވާއިދާ އެއްގޮތަށް ކަމަށް. ކޯޓުން ބުނަނީ ފުލުހުން ހުށަހަޅާ މައްސަލަތަކާއެކީ އެކަށީގެންވާ ހެއްކާއި ގަރީނާ ނުހުންނަ ކަމަށް. އެހެންވެގެންނޭ ވައްކަންކުރާ މީހާ ދޫކޮށްލަން ޖެހެނީ. ފުލުހުންގެ ހައްޔަރަށް ހެނދުނު ގެންދާ މީހާ ހަވީރު ހުންނަނީ ގޭގައި. އެހެން ހެދީމައި އަނެއްގެއަކުން ވައްކަންކުރަނީ. މިއީ ހުއްޓުވެންޖެހޭ ކަންކަން،" އެމީހާ ބުންޏެވެ.

މުޒާހަރާގެ ބައިވެރީން ބުނެފައިވަނީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ހައްލުކުރެވޭނީ ފުލުހުންނާއި ކޯޓުތައް ގުޅިގެން އެކައްޗެއް ކިޔައިގެން ކަމަށެވެ. ވައްކަންކޮށްގެން ހޯދާފައިވާ ތަކެތި އެފަދަ މީހުން އަތުން އާންމުން ވެސް ނުގަތުމަށް ބައިވެރީންވަނީ ރައްޔިތުންނަށް ގޮވާލައިފައެވެ. "އަގުބޮޑު އެއްޗެއް ނުވަތަ ތަކެތި ނުއަގުގައި ވިއްކަން މީހަކު އުޅެންޏާ ގަންނަ މީހާއަށް ވެސް އެނގެންވާނެ. އެހެންވީމާ އެފަދަ އެއްޗެހި ގަތުން އާންމުން ވެސް އެބަޖެހޭ ހުއްޓާލަން،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ފުލުހުން މިހާރު ވެސް ގެންދަނީ އެ ސިޓީއަކީ އަމާން ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.