ޓީވީ ޝޯތައް ހުށަހަޅައިދިނުމުގައި މަޝްހޫރު އަދި ބޮލީވުޑްގެ މޮޅު ލަވަކިޔުންތެރިޔާ، ފިލްމީތަރި އަދިތިޔަ ނަރަޔަންގެ ދަރިފުޅު ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރަކީ ދިވެހި ރާއްޖެއަށް ކުރި ދަތުރެވެ. އޭނާގެ ޕާސްޕޯޓުގައި އެންމެފުރަތަމަ، ޖެހީ ދިވެހިރާއްޖޭގެ ސްޓޭމްޕެވެ.

އަދިތިޔަ ނަރަޔަން އިއްޔެ ހިއްސާކުރީ އެ ދެމަފިރިންގެ ފުރަތަމަދަރިފުޅު ތިވްޝާ ގޮވައިގެން ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓެއެކެވެ. އަދި ފޮޓޯގެ ދަށުގައި ލިޔެފައިވަނީ ތިވްޝާ ނަރަޔަންގެ ޕާސްޕޯޓުގައި އެންމެ ފުރަތަމަ ޖެހީ ދިވެހިރާއްޖޭގެ ސްޓޭމްޕް ކަމަށެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުން ގެންދަނީ ގަބޫލުކުރަންދަތި، ހިތްގައިމު ދިވެހިރާއްޖޭގައި ކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

އަދިތިޔަ ނަރަޔަން އާއި ޝުވޭތާ އަގަރުވާލުގެ ދަރިފުޅު އުފަންވީ 24 ފެބުރުއަރީ 2022 ގައެވެ.

އަދިތިޔަ އަކީ މަޝްހޫރު "ރިއަލަޓީ ޝޯ" އިންޑިއަން އައިޑަލް އަދި ސްޕަރސްޓާ ސިނގާ ހުށަހަޅައިދޭ ފަންނާނުވެސް މެއެވެ.

އަދިތިޔަ ބައްޕައަކީ ބޮލޫވްޑްގެ މަޝްހޫރު ލަވަކުޔުންތެރިޔާ އުދިތް ނަރަޔަން އެވެ.

އަދިތިޔަ މީގެ ކުރިންވެސް ރާއްޖެ އައިސްފައި ވެއެވެ. އަދި ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނޭ ވީޑިއޯލަވައެއްވެސް އޭނާ ކުޅެފައި ވެއެވެ. މި ލަވަ ކިޔާފައިވަނީވެސް އޭނޭ އެވެ.

އަދިތިޔަ ޝުވެއިތާ އާއި އެކުވެސް ރާއްޖޭގައި ޗުއްޓީހޭދަކޮށްފައި ވެއެވެ. އެހެންނަމަވެސް ދަރިފުޅާއެކު ރާއްޖެއަށް އައި މިއީ ފުރަތަމަ ފަހަރެވެ.