އިންޑިއާއަކީ ދުނިޔޭގެ މައިދާނުގައި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އިނގިރޭސިވިލާތުން ބޭނުންވަނީ އިންޑިއާގެ ސައިޒާއި އިގްތިސާދީ ބުރަދަނާއި ނުފޫޒާ އެއްގޮތަށް ދުނިޔޭގެ މައިދާނުގައި ފުރިހަމަ އަދި ހީވާގި ދައުރެއް އަދާކުރާތަން ދެކެން ބޭނުން ކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލީވަރލީ ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާގެ ދާއިމީ މެންބަރުކަމަށް ތާއީދުކުރާކަން އޭނާ ތަކުރާރު ކުރެއްވިއެވެ.

އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ދެއެވެ. ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވުމުން އިންޑިއާއި ޔޫކޭގެ މިނިވަން ވިޔަފާރީގެ މަޝްވަރާތަކަށް މަޑު ޖެހުމެއް އައެވެ. ނަމަވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ދީވާލީ އާ ހަމައަށް ނިންމާލެވޭނެކަމަށް އިންޑިއާއިން އުންމީދު ކުރެއެވެ.