15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފްނޮމްޕެންގެ ބޭރުގައި ހުންނަ އަސްކަރީ ކޭމްޕެއްގެ ކޯޓަކުން މަސައްކަތް ކުރަމުން ދިޔައީ 1970 ގެ އަހަރުތަކުގެ ފަހުކޮޅު ކެމްބޯޑިއާގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން މަރާލި ބިރުވެރި ހާދިސާތަކަށް ކޮންމެވެސް މިންވަރަކަށް އިންސާފު ހޯދައިދިނުމަށެވެ. އެކަމަށް 330 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދު ކޮށްފައިވާ އިންސާފު ހޯދުމެކެވެ. ކެމްބޯޑިއާގެ ގަތުލުއާންމު ހިންގި މީހުންގެ ތެރޭން ކުށް ސާބިތުވީ އެންމެ ތިން މީހަކަށެވެ.

ކެމްބޯޑިއާއަށް އުފައްދާ ފައިވާ އދގެ އެކްސްޓްރާއޮޑިނަރީ ޗެމްބަރސް (ޚްމޭރު ރޫޖް ވެރިކަމުގެ ޖަރީމާތަކަށް ދައުވާ ކުރުމުގެ ބާރު ދީފައިވާ އދ.ގެ ކޯޓު) އިން ވަނީ ޕޮލް ޕޮޓްގެ އަނިޔާވެރި ކޮމިއުނިސްޓް ހަރަކާތުގެ އެންމެ ފަހުން ދިރިހުރި ލީޑަރު ކިއު ސަމްޕާން، 91، ގެ އިސްތިއުނާފު ބާތިލްކޮށް، އޭނާގެ މައްޗަށް ސާބިތުވެ ފައިވާ ނަސްލު ނައްތާލުމުގެ ކުށުގެ ހުކުމާއި އުމުރަށް ޖަލަށް ލުމާއި، އެހެނިހެން ކުށްތަކުގެ ޖަރީމާ ސާބިތުވެފައިވާ ކަމަށް ވެސް ދަމަހައްޓާފަ އެވެ.

އެ ހުކުމް ކިޔަމުން ދިޔައިރު، ކިއު ސަމްޕާން އިނީ ބޮޑު ކަޅު ހެޑްފޯނާއި ހުދު މޫނު މާސްކެއް އޅައިގެންނެވެ.

ޕޮލް ޕޮޓްގެ ނިޒާމު ވެރިކަމުގައި އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، 1975 އިން 1979 އަށް، ބޯދާ ޒަމާނަކަށް ގައުމު ގެންގޮސް ދަނޑުވެރިކަމުގެ އެންމެން ހަމަ ހަމަ މުޖުތަމައެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ސަބަބުން ދެކޮޅުވެރިން ގަނޑުކޮށް މަރާލަމުން ދިޔައެވެ. އަދި ބަނޑުހައިހޫނުކަމާއި ފަރުވާ ނުލިބޭ ބަލިތަކުގެ ސަބަބުން ގާތްގަނޑަކަށް 1.7 މިލިއަން ކެމްބޯޑިއާ މީހުން މަރުވި އެވެ.

މި މައްސަލަތަކުގެ ޝަރީއަތަށް ހުށަހެޅީ އެންމެ ފަސް މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ހުކުމް ކުރުމުގެ ކުރިން މަރުވެފައިވެއެވެ. ދައުވާ އުފުލުމުގެ ކުރިން މުހިންމު ބައެއް ދައުވާ ލިބޭ ފަރާތްތައސް މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 1998 ވަނަ އަހަރު މަރުވި ޕޯލް ޕޮޓް ވެސް ހިމެނެ އެވެ.

)ފޮޓޯގައި ކިއު ސަމްޕާން ވާތް ފަރާތުން އަދި ކަނާތް ފަރާތުން ޕޮލް ޕޮޓް އަދި މެދުގައި ބްރަދާ ނަމްބަރ ޓޫ(

ކިއު ސަމްޕާން ވަނީ މީގެ އޭނާއަށް އިއްވި މަރުގެ ޙުކުމެއްގެ މައްސަލައާއި އެހެނިހެން ކުށްތަކުގެ ކުށުގައި ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިސްތިއުނާފު ކޮށްފައި ނާކާމިޔާބުވެފައެވެ. މި ޝަރީއަތުގައި އޭނާގެ އިސްތިއުނާފު ކާމިޔާބު ވިނަމަވެސް އޭނާއަށް އެ ހުކުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭނާއާއެކު މިމައްސަލަތަކުގައި އުޅުނު މަޝްހޫރު ބްރަދަރ ނަމްބަރ ޓޫ ގެ ނަމުން ނަންދެވިފައިވާ ނޫއޮން ޗެއާ ވެސް ވަނީ އެހެން ދެ ދައުވާއެއްގައި ވެސް ކުށްވެރިވެ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

އުމުރުން 93 އަހަރުގައި އޭނާ މަރުވެފައިވަނީ 2018 ވަނަ އަހަރު އެ ދެ މީހުންގެ މައްޗަށް ނަސްލު ނައްތާލުމުގެ ކުށް ސާބިތުވިތާ އަހަރެއް ނުވަނީހެވެ.