ލޯބިވާ ދަރިފުޅާއެވެ. މަންމައަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރުކުރިންނެވެ. އެ ދުވަހު ވެސް މޫސުމް އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސްގަހަށް އަރައިފުމެ ހަދަމުން ދިޔައެވެ. މި އަދު ވައިޖެހެނީ ހަމަ އެދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑިތަކުން ކުރިފަޅައިފާނޭހެންނެވެ.
ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ އަލީގެ ތެރެއިން ނިދާފައި އޮތްގެ، ވިދަންފެށިއެވެ. ބޭކެނބިދައިތަ ބުނެލިއެވެ. “އަލްޙަމްދުލިއްލާހި- މި ކަނބުލޮގެ ހަށިގަނޑުން ހީވަނީ ރެދަން ލާހެން-” ވިހެއުމުގެ ވޭނުގައި އޮތްނަމަވެސް މަންމަ، މަންމަގެ ހަށިގަނޑުގެ އެތިކޮޅެއް ކަމަށްވާ، ދަރިފުޅާ ދިމާއަށް ބަލައިލީމެވެ. މަންމަ ހަނދާނެއް ނެތެވެ. އެކަމަކު ބޭކެނބި ދައިތަ ފަހުން ބުނި ގޮތުގައި މަންމަ ހިނިތުންވެލާފައި އަތުގެނާރުތަކަށްބަލައިލީމެވެ. ހީވަނީސިޓީއެއްކިޔައިލީހެންނެވެ.
ދަރިފުޅުގެ ބައްޕައަށް އެރޭ ދަރިފުޅު ފެނުނީމާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މަންމަ ބުނީމެވެ. “ފިރިހެން ކުއްޖަކަށް ވިޔަސް ނުވަތަ އަންހެން ކުއްޖަކަށް ވިޔަސް ވާނީ ﷲގެ ހަދިޔާއަކަށޭ ބުނީމެއްނު؟ އެހެންވީމާ މިހާރު މާ ދެރަވެފައި ތިޔަ ހުންނަނީ ކީއްވެގެން؟ “އޭނާބުންޏެވެ. “ކަލެއަށް އެނގެނީކޮންކަމެއް؟ ކަލެއަކީ އާދައިގެ އަންހެނެއް. މަންމައެއް. މިހައި ރީތި އަންހެންކުދިން ދެއްވަނީ އެ ކަލާނގެ ކޯފާވެވޮޑިގެންވާ އަޅުންނަށްކަމެއް ކަލެއަކަށް ނޭނގޭނެ.”
ލޯބިވާ ދަރިފުޅާއެވެ. އެ ވަގުތު މަންމަ ބޭނުންވީ އޭނާގެ ދެލޯ ހުރި ތަނުން ދަމައިގަނެ ފައިންއަރައި ޗިސްކޮށްލާށެވެ. އޭނާ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކޮތަރެއް ހަރުފައަކާ ދިމާއަށް ބަލަހައްޓައިގެން ހުންނަގޮތަށެވެ. ދަރިފުޅުގެ ރީތިކަންފެނިފައި އޭނާ ގަތީބިރެވެ. އެދުވަހުގެ ފަހުން ވޭތު ވީސޯޅަ ނުވަތަ ސަތާރަ އަހަރު އޭނާ ވޭތުކުރީ ބިރުވެރި ކަމުގެ ތެރޭގައެވެ. މިހާރުވެސް، ބޭރު ފެންޑާގައި، މީހުންގެ ތެރޭގައި، ކުނަލެއްގެ މަތީގައި އިށީނދެގެން އިންނަ އިރު ވެސް އޭނާ އެ އިންނަނީ ބިރުންނެވެ. އޭނާ އުޑާ ދިމާއަށް ބަލައިލާ ގޮތުން ހީވަނީ މަތީން އޭނާބަލައި ކޮންމެވެސް މީހަކު އަންނަ ތަން ފެންނަނީހެންނެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ބުރުސޫރަ ވާރުތަވީ މަންމަގެ ކިބަޔަކުންނެއްނޫނެވެ. މަންމައަކީ ރަށްފުށުގެ އާދައިގެ މީހަކީމެވެ. ބުރުސޫރަހުންނަނީ އާދައިގެ ގޮތަކަށެވެ. ދަރިފުޅަށް ލިބިފައިވަނީ ދަރިފުޅުގެ ބައްޕަގެ ބުރުސޫރައެވެ. އެއީ ވަރަށް ރީތި މީހެކެވެ. ވޭތުވެދިޔަ ސޯޅަ ނުވަތަ ސަތާރައަހަރުގެ ތެރޭގައި ބަދަލުތަކެއް އައިނަމަވެސްއަދިވެސް އޭނާއަކީ ވަރަށް ރީތިމީހެކެވެ. އޭނާގެ ދެލޯބޮޑެވެ. އޭނާގެ މޫނާއި މަތިމަސް ހުންނަނީ ވިދާލަވިދާލައެވެ. ދަރިފުޅު ވިހެއި އިރު އޭނާއަކީ ފުރިހަމައަށް ހަދާފައިވާ ރީތި ބުދެއް ކަހަލަ މީހެކެވެ. ދަރިފުޅު ވިހެއި ފަހުން އޭނާ ހުންނަނީ ހާސްކަންމަތީގައެވެ. އެކަމަކު ފިކުރުކުރުމާއެކު ވެސް އޭނާގެ ރީތިކަމަކަށް ބަދަލެއްނާދެއެވެ. ކުޑަކޮށް ކުލަވަރު ބަދަލުވީއެވެ. ދަރިފުޅު ވިހެއި ފަހުން އޭނާގެ ރީތި، ހުދު ދަތްތައް ފާޅުވާ ވަރަށް ހިނިތުންވެލާ ތަން މަންމައަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭނާގެ ފަތްތަކެއް ފަދަ ރީތި ތުންފަތް އަބަދު ވެސް ހުންނަނީ ޖައްސައި ބާރުކޮށްގެންނެވެ. ދެ ތުންފަތް ދުރުކޮށްލައިފިއްޔާ ކޮންމެވެސް ގެއްލުމެއް ލިބިދާނެތީ ދުރުކޮށްލަން ނުކެރެނީ ކަހަލަ އެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ދަރިފުޅު ދެކެލަން އައި އިރު ފެނުނީ އޭނާގެ މުޅި ދުނިޔެ ބަރުބާދުވެގެން ގޮސްފައިވާ ކަހަލަ ގޮތަކަށެވެ. އެ ތާނގައި ކޮޅަށް ހުރި އިރު އޭނާ ކުއްލިއަކަށް މުސްކުޅިވެގެން ދިޔަހެން ވެސް ހީވިއެވެ. އޭނާ އެނބުރި ހިނގައިގަތް ވަގުތު މަގާ ހަމައަށް ނުދެވެނީސް ވެއްޓިދާނެތީ މަންމަ އިނީ ބިރުންނެވެ. ދެންމެ މަންމަ ފާރުމަތީން ބޯދީ ބަލައިލީމެވެ. އޭނާ ބޭރުގައި އިށީނދެގެން އެބަ އިނެވެ. ވަށައިގެން ތިބި މީހުންނާ ދިމާއަށް އޭނާ ބަލަމުންދިޔައީ ބިރުން އިނދެގެން ކަހަލަ ގޮތަކަށެވެ. ކޮންމެވެސް ނުބައި ކަމެއް ކުރަނިކޮށް ހިފިގެން އުޅޭ ކަހަލަ ގޮތަކަށެވެ.
ދަރިފުޅުގެ އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ދުވެ އުޅެން ފަށައިފިއެވެ. މަށިން ހައްދަވާފައިވާ އިންސާނަކު މިހައި ރީތިވާނޭ ކަމަކަށް ދަރިފުޅު ދެކޭ އެއްވެސް މީހެއްގެ ހިތަކަށް ކުރިއަކުން އަރާފައެއް ނޯންނާނެ އެވެ. އެއް ދުވަހަކު ދަރިފުޅު ބިން މައްޗަށް ވެއްޓި ނިތްކުރި ފަޅައިގެން ދިޔައީމާ މަންމަ ރޮއިރޮއި ހަލާކު ނުވީ ކިރިޔާއެވެ. އެކަމަކު ދަރިފުޅުގެ ބައްޕަ އުފާވެރި ގޮތަކަށް މާނޭވާއެއް ލާފައި ބުންޏެވެ. “ﷲ މިންވަރުކުރައްވާނީ ރަނގަޅަށް- ރާނޫގެ ނިތްކުރީގައި ލާލަކުނުގެ ސަބަބުން އެމަންޖެގެ ރީތިކަން ތަންކޮޅެއް ކުޑަވާނެ-” އެކަމަކު ﷲ މިންވަރުކުރެއްވީ އޭނާގެ ވާހަކަޔާ މުޅީން ތަފާތު ގޮތަކަށެވެ. ދަރިފުޅުގެ ނިތްކުރީގައި ލަކުނެއްލިއެވެ. އެހެންނަމަވެސް އެލަކުނު ހުރީ ހުޅެވި ހަނދެއްގެ ސިފައިގައެވެ. ލޯބިވާ ދަރިފުޅާއެވެ. ކުރީން ރަތްރީނދޫ ކުލައެއްގައި ހުރި ލަކުނު މިހާރު ފެންނަނީ ވަރަށް ފަނޑުކޮށެވެ.
ދަރިފުޅުގެ އުމުރުން ފަސް އަހަރު ފުރުނީމާ މަންމަ ދަރިފުޅަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭން އެދުރު ދައިތައެއްގެ ކައިރިއަށް ފޮނުވީމެވެ. ދަރިފުޅުގެ އަޑު ވެސް ދަރިފުޅުގެ ބުރުސޫރަ ހައި ރީތިކަން އެނގުނީ ޤުރްއާން ކިޔަވަން ފޮނުވަން ފެށީމައެވެ. އެދުރު ދައިތަގެ ގޭތެރެއިން ކީރިތި، މޫރިތި ފޮތުގެ އާޔަތްތައް ކުޑަކުދިން ކިޔަވާ އަޑު އިވެއެވެ. އޭގެ ތެރެއިން ވެސް ދަރިފުޅުގެ އަޑު ވަކީން ފާޅުކޮށް އެނގެއެވެ. ދަރިފުޅުގެ އަޑު ހީވަނީ ރިހި ރަނގަބީލުތަކެއްގެ އަޑުހެންނެވެ. ދަރިފުޅު ކިޔެވުން ހުއްޓާލީމާ ވެސް އެތައް އިރެއް ވާންދެން ރަނގަބީލުގެ އަޑު އިވިއިވި ހުންނަހެންހީވެއެވެ.
ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާންގެ އާޔަތްތައް ކިޔަވާ އަޑު އިވުނީމާ ހިނގާފައި ދާ މީހުން ހުއްޓި ތިބެގެން އަޑުއަހައެވެ. އުދުހިފައި ދާ ދޫނިތައް އެދުރުދައިތަ ގޭ ފާރުމައްޗަށް ތިރިކުރެއެވެ. އެއްދުވަހަކު އިމާމު ހަޒްރަތު ޝާހް އެދުރުދައިތަގޭ ދޮށުން ވަޑައިގަންނަވަނިކޮށް ދަރިފުޅު ކިޔަވާ އަޑު އިވިވަޑައިގެން ވިދާޅުވިއެވެ. “އެއީ ކޮން ކުއްޖެއް؟ އެކުއްޖާގެ އަޑު ހީވަނީ މަލާއިކަތުންގެ ފިޔަފުޅުގެ ދަށުން އިވޭ އަޑުހެން.” އިމާމު މިހެން ވިދާޅުވިކަން ދަރިފުޅަށް އެނގުނީމާ ފެށީ އުފަލުން ރޯށެވެ.
އަދިވެސް ވަރަށް ގިނަގިނައިން ހިނގާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އަންހެނުން ފެންތަށި މަތުރަން ގެނެސް ދަރިފުޅު ކިޔަވާ ތާނގައި ބަހައްޓައެވެ. އެ މީހުން ދެކެނީ ދަރިފުޅުގެ ކިޔެވުމުގެ ސަބަބުން އެފެނުގައި ބަރަކާތްލައްވާނޭ ކަމަށެވެ. ދަރިފުޅު ކިޔަވައި ނިމުނީމާ އެމީހުން ފެންތަށި ގެންގޮސް ގާތް ތިމާގެ މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހުންނަށާއި ނުލަފާ ކުދިންނަށާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާ ކުޑަކުރާ މީހުންނަށް ދެނީއެވެ. ދަރިފުޅު ހައްދަވާފައިވަނީ އިލާހީ ނޫރުފުޅަކުންނޭ ވެސް ބައެއްފަހަރަށް މަންމަގެހިތަށް އަރައެވެ. ކަންތައްތައް ވަނީވެސް އެކަހަލަގޮތަކަށެވެ. މިހާރުދަރިފުޅު ތިޔައައީ އެދުރުދައިތަގެ ގެއިންނެވެ.
މިހާރު ދަރިފުޅުގެ މޫނަށް ބެލުމަކީ އަނދައަނދައި އެހެރަ އިރަށް ބެލުން ފަދަ ކަމަކަށް މަންމައަށް ވަނީވެފައެވެ.
ﷲ އަށާއި ކީރިތިރަސޫލާއަށް ކިޔަމަންގަތުމަށް ފަހު ދަރިފުޅު ޤަބޫލުކުރަނީ އިމާމު ހަޒްރަތުޝާހްގެ ބަސްފުޅެވެ. އެއް ދުވަހަކު ދަރިފުޅުގެ ބައްޕަ ދަރިފުޅު ގޮވައިގެން އިމާމުގެ އަރިހަށް ދިޔައީ އެހެންވެގެންނެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ކީރިތިޤުރްއާން ކިޔަވާ ވަރު ނިކަން ވިސްނައިބަލާށެވެ. ގޭ ތެރެއިން ގިސްލުމުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވޭ ވަރަށް ހިމޭން ވީމާ މަންމައަށް ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ އަޑު އިވެންފަށައެވެ. ދަރިފުޅުގެ ތުންފަތް ޙަރަކާތް ނުކުރާ ކަން އެނގެއެވެ. އެކަމަކު މަންމަ ދަރިފުޅަށް ދިން ކިރު ގަންދީބުނަމެވެ. މަންމައަށް އެއިވެނީ ހަމަ ދަރިފުޅުގެ ރީތިއަޑެވެ. އެހައި މާތް، ރީތިއަޑަކަށްވާނީ ދަރިފުޅުގެ އަޑު ނޫން ކޮން އަޑެއްހެއްޔެވެ؟
މީހަކާ އިންނަ ވަރަށް ދަރިފުޅު ބޮޑުވެއްޖެއޭ މަންމަގެ ހިތަށް އެރީ ދަރިފުޅުގެ ބޮޑުބޭބެ ދީން މުޙައްމަދުގެ އަންހެނުން އައިސް އޭނާގެ ދަރިފުޅާ، ދަރިފުޅު ދެވަން އެދޭ ވާހަކަ ބުނީމައެވެ.
އަންހެންދަރިން އެ ކުދިންގެ ބޯ ނިވައިކުރަން ފެށީމާ، ވަގުތު އައިސް ޖެހުނީކަން މައިންނަށް އެނގެއެވެ. އެކަމަކު ދަރިފުޅު… ދަރިފުޅާ ބެހޭ ގޮތުން އެފަދަ ގޮތަކަށް މަންމައަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު މަންމައަކަށް އެ ފަދަ ފުރުޞަތެއް ނުވެސް ދެމުއެވެ. މި ވާހަކަ މަންމަ ދަރިފުޅުގެ ބައްޕަ ގާތު ބުނީމެވެ. އޭނާ ބުންޏެވެ. “ކަލެއަކީ އަބަދު ވެސް ފަރުވާކުޑަ މީހެއް. އެކަމަކު އަހަރެން ފަރުވާ ކުޑައެއް ނުކުރަން. ވާގޮތަކީ އަހަރެން ދަރިފުޅު ދެކެ ބިރުގަންނަނީ- އެންމެ ފުރަތަމަ އޭނާޔާ ވާހަކަ ދައްކާ. އަހަންނަށް ހީވަނީ ކަލާނގެ ވަޖުހުފުޅަށް ޓަކައި އޭނާ އެ ހުންނަނީ އެހެން ހުރިހައި ކަމެއް ދޫކޮށްލައިގެންހެން-”
މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅު ދެކެ ބިރުގަތީ އެ ދުވަހުއެވެ. މަންމަ ހީކުރީ ކާވެނީގެ ވާހަކަ ދައްކައިފިއްޔާ ދަރިފުޅު ރުޅި އަތުވެދާނޭ ކަމަށެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަޒްރަތު ޝާހްގެ ނޯކަރަކު މި ގެއަށް އައެވެ. އޭނާ އައިސް ބުނީ ދޫލޭޝާޖީގެ ޒިޔާރަތުގައި ތިން ދުވަހަށް ދެމިގެންދާ ދީނީ ރަސްމިއްޔާތެއް މާދަމާ ފެށޭނޭކަމަށެވެ. ހަޒްރަތުޝާހަށް ހުވަފެންފުޅުގައި ދޫލޭޝާޖީ ފެނިވަޑައިގަތީ ކަމަށްވެއެވެ. ހުވަފެންފުޅުގައި ދޫލޭޝާހް އެދިވަޑައިގެންފައި ވަނީ ދަރިފުޅުލައްވައި އެ ތާނގައި ޤުރްއާންކިޔުއްވާށެވެ.
ދޫލޭޝާޖީއަކީ އާދަޔާ ޚިލާފު ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.
އޭނާ ދުނިޔޭގައި ހުންނެވި ދުވަސްވަރު އޭނާ ނުރުހުންވެ ވަޑައިގަންނަވާ ކަހަލަ އެއްޗެއް މީހަކު ބުނެފިނަމަ ފަންޑިތައިގެ ބާރުގައި އެ މީހަކު އަންދައި އަޅިއަށް ހައްދަވާ ކަމަށް މީހުން ކިޔައިއުޅެއެވެ.
މިހާރު މީހުން ޤަބޫލުކުރަނީ އޭނާގެ ޒިޔާރަތުގެ ކައިރީގައި މީހަކުނުބައި ކަމެއް ކޮށްފި ނަމަ އެ ޒިޔާރަތް ހުޅުވި ޒިޔާރަތުގެ ތެރެއިން އަތެއް ފާޅުވާ ކަމަށެވެ. އެ އަތް އަންނަ ގޮތަށް އައިސް ހިފަނީ ނުބައިކަމެއް ކުރާ މީހެއްގެ ކަރުގައެވެ. އެޔާއެކު އެމީހެއްގެ ފުރާނަ ހިނގައިދެއެވެ. ދެން އަތްކުރީން ހުރިގޮތަށް ޒިޔާރަތުގެ ތެރެއަށް ވަދެގެން ދަނީޔޯލައެވެ.
އެހެންވީމާ ދޫލޭޝާޖީގެ އަމުރުފުޅާ ދެކޮޅު ހަދަންކެރޭނީ ކާކަށްހެއްޔެވެ؟ އަނެއް ދުވަހުގެ ހެނދުނު ދަރިފުޅު ގޮވައިގެން މަންމައާއި ބައްޕަ ޖަމަލެއްގައި ޝާޖީގެ ޒިޔާރަތާ ދިމާއަށް ދަތުރު ފަށައިފީމެވެ.
ބައްޕަ އިނީ ދަރިފުޅާއި މަންޔާ ދެ މީހުންގެ މެދަށްވާ ގޮތަށް ޖަމަލުގެ ބުރަކަށިމަތީގައެވެ. ޖަމަލުކުރިއަށް ހިނގައިގަތުމާއެކު ދަރިފުޅުފެށީ ޤުރްއާންކިޔަވާށެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާއެވެ. ޖަމަލު ހުރަސް ކުރި ކޮންމެ ދިމާއަކުން މީހުން ދުވެފައި އައިސްދަރިފުޅު ކިޔަވާ އަޑުއެ ހިތަން މަންމަ ދުށީމެވެ. އެމީހުން ޖަމަލާ އެކު ހިނގާފައި ދަމުން ﷲއަށް ޒިކުރުކޮށް ޝުކުރުވެރިވަމުން ދިޔައެވެ. ކޮތަރާއި ގުރަޔާއި މި ނޫނަސް އެކި ކަހަލަ ދޫނި މަންމަމެންގެ ބޯ މަތީން އުދުހެމުން ދިޔައެވެ. މަންމަގެ ހިތަށް އެރިއެވެ. ﷲ އަހަރެމެންނަށް މި ދެއްވަނީ އަހަރެމެންނަށް ކުރެވުނު ކޮންފަދަ ހެޔޮކަމެއްގެ ބަދަލުބާވައެވެ؟ ﷲ އަހަރެމެންނަށް ދެއްވާފައިވާ ދަރިފުޅު ޤުރްއާން ކިޔަވަނީ ބިންމަތީގައެވެ. އެކަމަކު އޭނާގެ އަޑުވަނީ އުޑާހަމައަށް އުފުލިފައެވެ.
މި ހުރިހައި ޚިޔާލެއް މަންމަގެ ހިތަށް ވަންނާން ފެށީ ދަރިފުޅުގެ ބައްޕަކުރި ސުވާލަކުންނެވެ. “ނިކަން މަތިބަލައިލަބަލަ! އަހަރެމެންނާއެކު އުދުހިފައި މިއަންނަނީ ކޮންދޫނި ބައިގަނޑެއް؟ އެއީ ހާދަހާ ރީތި ދޫނިތަކެކޭ. އަހަރެން މީގެކުރިން ދުވަހަކު ވެސް މިހައި ރީތި ދޫނިތަކެއް ނުދެކެން. އެ ދޫނިތަކުގެ ފިޔައިން ކޮންމެވެސް އެއްޗެއް ވިދާތަން އެބަފެނޭ. ހީވަނީ އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވަނީހެން.”
ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ މި އަކުރެއްބަކުރެއް ނޭނގޭ މަންމަގެ ހިތަށް ވެސް އެ ވަގުތު ވަނީހަމަ އެޚިޔާލެވެ. ހީވަނީ ތުއްތު ކުދިންކޮޅެއް ފިޔަފަޅައިގެން މަންމަމެންގެ ވަށައިގެން އުދުހެނީހެންނެވެ. އެ ދޫނިތައް އައީ މަންމަގެ ދަރިފުޅުގެ ރީތިއަޑުން ކީރިތިޤުރްއާން ކިޔަވާ އަޑުއަހާށެވެ.
މަންމަމެންގެ ޖަމަލު ދޫލޭޝާޖީގެ މަޤްބަރާގެ ކައިރީގައި ބަނޑުޖަހައިލީމާ ދަރިފުޅުގެ ހަނދާނުން މައިންބަފައިން މުޅީން ފުހެވިގެން ދިޔައީހެން ހީވިއެވެ. ދަރިފުޅު ފުންމާލައިގެން މަޤްބަރާއާ ދިމާއަށް ހިނގައިގެންފިއެވެ. ހީވަނީ ޝާޖީ ދަރިފުޅުގެ އިނގިލީގައި ހިއްޕަވައިގެން ހިންގަވައިގަތީހެންނެވެ. ދަރިފުޅު ގޮސް މަހާނައިގެ އެއްފަރާތުގައ ިއިށީނދެ ކިޔަވަން ފަށައިފިއެވެ. އެ ތަނަށް އައިސް ތިބި މީހުން ދަރިފުޅު ކިޔަވާ އަޑު އިވުނީމާ އެތަނަށް ޖަމާވާންފެށިއެވެ. މަންމަމެން ގޮސް ހަޒްރަތުޝާހުގެ ފައިންޕުޅުދެކެފީމެވެ. އޭނާ ވިދާޅުވިއެވެ. “ދަރިފުޅު ގޮވައިގެން މި ތަނަށް އައިކަން ވަރަށް ރަނގަޅު. ﷲ ރުއްސެވިއްޔާ އެ ކުއްޖާފުޅާއި ތިޔަ ދެމަފިރިންގެ ފާފަފުއްސަވާނެ. ސުވަރުގޭގެ ނިޢުމަތްދެއްވާނެ.”
ހަޒްރަތުޝާހް މިހެން ވިދާޅުވީމާ މަންމަމެން ވަރަށް ބޮޑަށް އުފާކުރީމެވެ. މަންމަ އެތެރެއަށް ވަދެ، ހަޒްރަތުޝާހްގެ ޢާއިލާގެ އަންހެންބޭފުޅުންގެ ފައިންޕުޅު ވެސްދުށީމެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަމެން އެނބުރި އަވަށަށް އައީ ދަރިފުޅުގެ ހުރިހައި ކަމެއް ދޫލޭޝާޖީއާއި ހަޒްރަތުޝާހާއި އޭނާގެ ޢާއިލާގެ އެހެން ބޭފުޅުންގެ އަތްޕުޅުމައްޗަށް ދޫކޮށްލާފައެވެ. މާދަމާ ނޫން އަނެއް ދުވަހު ދަރިފުޅު ބަލައި އަންނާނަމޭ މަންމަ ދެންނެވީމެވެ. އަދި ﷲ މަންމަމެންނަށް ނިޢުމަތެއްގެ ގޮތުގައި ދަރިފުޅު ފަދަ މާތްކުއްޖަކު ދެއްވިޔަތީ ޝުކުރުވެސް ކުރީމެވެ.
މަންމަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ބަލައި މަންމަމެން އައިއިރު ދަރިފުޅުއިނީ މަންމަމެން ދަރިފުޅު ދޫކޮށްލާފައި ދިޔައިރު ވެސް އިށީނދެ އިން ތާނގައި އިށީނދެގެންނެވެ. އެކަމަކު އެއީ ހަމަ ދަރިފުޅުބާވައެވެ؟ ދަރިފުޅުގެ ލޯހުރީ ރަތްވެފައެވެ. ތުންފަތުގައި ހިކިފައި ހުރި ލޭ ހުއްޓެވެ. ބޯހުރީހޭވިފައެވެ. ބޮލުގައި އޮތްބުރުގާ އޮތީ ވެއްޓިފައެވެ. ދަރިފުޅުގެ ބައްޕަ ފެނުނީމާ ވެސް އެ ވަގުތު ހުރި ހާލަތު ރަނގަޅުކުރާކަށް މަސައްކަތެއް ނުކުރަމުއެވެ. މޫނުމަތީން ފެންނަނީ ހަރުކަށިކަމެވެ.
މަންމަމެން ފެނުނީމާ ދަރިފުޅު ހަޅޭއްލަވައިގަތެވެ. “ބައްޕާ! އަހަރެންގެ ކައިރިއަށްނާންނާތި! މަންމާ! އަހަރެންގެ ކައިރިއަށް ނާންނާތި! އަހަރެން މި ތާނގައި އިންނާނީ. ދޫލޭޝާހްގެ މަހާނަ އިރައިގެން ގޮސް އޭނާގެ އަތްޕުޅުން ނުކުންނަނީހެއް އަހަރެން ނުދާނަން. މައްސަލަ ނުނިމެނީހެއް އަހަރެން މިތަނަކުން ގުޑައެއް ނުލާނަން. އިންޞާފު ނުކުރެވެނީހެއް އެއްވެސް ތަނަކަށް ނުދާނަން. މަހާނަހުޅުވޭނެ. މިއަދު ނުހުޅުވުނިއްޔާ މާދަމާ ހުޅުވޭނެ- އެހެންނޫނީ އެއްމަސް ދުވަސް ފަހުން، ނުވަތަ އެއްއަހަރު ދުވަސްފަހުން ނަމަވެސް ހުޅުވޭނެ. ބަރަކާތްތެރި އަތްޕުޅު ވެސް ފާޅުވާނެ. އަހަރެން މަންމަމެންގެ ކައިރިއަށް އަންނާނީ އެ ދުވަހަކުން. އޭގެފަހުން މުޅި އުމުރު ދުވަސް ހޭދަކޮށްލާނީ މަންމަމެންގެ ޚިދުމަތުގައި. އެކަމަކު މިހާރަކު އަހަންނެއް ނުދާނަން. މިހާރުދެވޭކަށް ވެސްނެތް. އަހަރެންގެ ދުވަސް މިވަނީ ގޮސްފައި. އަހަރެން މަރުވެއްޖެ-”
އެތަނަށް މީހުން އެއްވެ މަންމަމެންނާއެކު ރޯން ފަށައިފިއެވެ. އެ މީހުން ކިޔަމުންދިޔައެވެ. “މިކުއްޖާފުޅަށް ޖިންނިއެއްގެ ކަންތައް ލައިގަތީކަން ޔަޤީން- ރެޔާއިދުވާލު މިމަޤްބަރާގައި އެކަނިމާއެކަނި އިނީމާ ޖިންނިއެއްއަވަލީ-”
ދަރިފުޅުގެ ބައްޕައަކަށް އެ ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ބައްޕަ ހަޅޭއްލަވައިގަތެވެ. “ޖިންނި އަވަލީއޭ؟ އެހެންއެއްވެސް ކަމެއްނެތި ތާއަބަދު ޤުރްއާން ކިޔަވާކުއްޖަކާ ޖިންނިއެއް އަވަލާނީކިހިނެއް؟ އެންމެ ރަނގަޅު- ކަލޭމެން ތިޔަބުނަނީ މީނާޔާ ޖިންނިއެއްއަވަލީއޭ- އެހެންވެއްޖެއްޔާ ހަޒްރަތުޝާހްކޮބާ-؟ “ދަރިފުޅުގެ ބައްޕަ ހިނގައިގަތީ ހަޒްރަތުޝާހް ހޯދާށެވެ. މަންމަވެސް ރޮމުންރޮމުން ބައްޕަގެ ފަހަތުން ދިޔައީމެވެ. އެކަމަކު އޭނާގެ ނޯކަރުން މަންމަމެން ވަނަކަ ނުދިނެވެ. އެމީހުން ބުނި ގޮތުގައި ތިންދުވަހުގެ ދީނީރަސްމިއްޔާތު ނިމުނީމާ އެ ތައް ދުވަހެއްވާންދެން ވަކި ކޮޓަރިކޮޅެއްގައި އިންނަވައިގެން ދުޢާކުރެއްވުމަކީ ހަޒްރަތުޝާހް ޢާއްމުކޮށް ކުރައްވާ ކަމެކެވެ. އެދުވަސްކޮޅުގެތެރޭގައި އެއްވެސް މީހަކަށް އޭނާފައިންޕުޅެއް ނުފެންނާނެއެވެ. އެގޭގެ އަންހެން ބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަންމަ މަސައްކަތްކުރީމެވެ. އެކަމަކު ނޯކަރުންގެ މީހުންބުނީ ދަރިފުޅުގެ ޙާލު މިވަގުތު ހުރިގޮތުން އަންހެންބޭފުޅުން ވެސް މިވަގުތު ތިއްބެވީ ފިކުރުފުޅު ބޮޑުވެފައިކަމަށެވެ. އެ ބޭފުޅުންނަށް އުނދަގޫކުރުމަކީ ފާފައެއްކަމަށް ވެސް އެ މީހުންބުންޏެވެ.
މަންމަމެން ދުވެފައި އަނެއްކާވެސް އައީ ދަރިފުޅު އިންތަނަށެވެ. މަންމަމެން ފެނުމާއެކު ދަރިފުޅުގެ ގާތަށް އައީރުޅިއެވެ. “އެނބުރި ނުގޮސް އަނެއްކާ މިތަނަށް ތިޔައައީ ކީއްކުރަން-؟”ދަރިފުޅު ހަޅޭއްލަވައިގަތެވެ. އެއަޑެއްނުކުތީ ކީރިތިޤުރްއާން ފިޔަވައިއެހެން އެއްވެސް އެއްޗެއް މިހައިތަނަށް ނުކުމެފައ ިނެތް އަރަކުންކަން މަންމައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ.
އަހަރެމެން، ދަރިފުޅުގެ ނިކަމެތި މަންމައާއިބައްޕަ، މަހާނައިގެ އެއްކޮޅުގައި، ބިންމަތީގައި އިށީނދެ ތިބެގެން ރޯންފަށައިފީމެވެ. މަންމަމެން ރޯތަން ފެނުނީމާ އެހެން މީހުން ވެސް ރޯންފަށައިފިއެވެ. އެވަގުތު އެތަނަށް އައީ ހަޒްރަތު ޝާހްގެ އިސްނޯކަރެކެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހާލު ހުރި ގޮތުގެ މައްޗަށް ހަޒްރަތު ޝާހް ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވައެވެ. ހަޒްރަތު ޝާހް ވިދާޅުވާ ގޮތުގައި ދަރިފުޅަށް ކޮންމެވެސް ނުބައި ޖިންނިއެއްގެ ބަލާވެރިކަން ޖެހުނީއެވެ. އެހެންވީމާ މިހާރު އޭނާ ގެންދަވަނީ އެ ޖިންނި މައިތިރިކުރެއްވޭތޯ މަސައްކަތްކުރައްވަމުންނެވެ. ދެން އޭނާ މަންމަމެންނަށް އިއްވީހަޒްރަތުޝާހްގެ ޙުކުމެވެ. “ކަލޭމެން ގެއަށް ދާށެވެ. މިތާނގައި ރާނޫ ބައިންދާށެވެ. ރަނގަޅުވާނީ އޭރުންނެވެ.”
“ދެންދޭ! “ކުއްލިއަކަށް އިވުނީ ދަރިފުޅުގެ އަޑެވެ. ދަރިފުޅުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. “މަންމާ! އަވަހަށްގެއަށްދޭ! ބައްޕަ ވެސް ދޭ! އަހަރެން މިތާނގައިބައިންދާ! މަހާނަ ހުޅުވޭނ. ބަރަކާތްތެރި އަތްޕުޅު ފާޅުވާނެ. އިންޞާފުކުރެވޭނޭކަން ޔަޤީން. މައްސަލަ ނިމުނުހައި އަވަހަކަށް އަހަރެން މަންމަމެންގެ ކައިރިއަށް ދާނަން. ދޫލޭޝާޖީ އިންސާފުކުރައްވާނެކަން ގައިމު. ދެން އަވަހަށްދޭ!” ދަރިފުޅު ކުއްލިއަކަށް ތެދުވެގެން އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ. ހޫރެމުން ދިޔަ ގޮތުން ހީވަނީ ރޮދި ކަނޑައިގެންގޮސްފައިވާ ގުޑިއެއްހެންނެވެ.މަންމަގެ ލޯބިވާދަރިފުޅާއެވެ. ދަރިފުޅަށްޓަކައި މަންމަ ފުރާނަވެސް ދޫކޮށްލަފާނަމެވެ. އޭގެފަހުން ވެސް މަންމަމެން ދަރިފުޅު ދެކިލާން އަންނަމެވެ. އެކަމަކު ދަރިފުޅަށް މަންމަމެން ވަކިކުރާން އެނގޭކަމަކަށް ނުވެއެވެ. މަންމަ ދަރިފުޅުގެ ނަމުން ގޮވައިލީމާ ދަރިފުޅުގެ މޫނުމަތީން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. ދަރިފުޅުގެ މޫނުމަތީގެ ކުލަވަރުވަނީ ބަދަލުވެފައެވެ. ތުންފަތްވަނީ ހިކިފައެވެ. ފަޅައިގެންގޮސްފައެވެ. އިސްތަށިގަނޑުގައި ހުރީކިލަލާއި ހިކިފަތާއި ކުންޏެވެ. އެއް ފަހަރަކު މަންމަ ދަރިފުޅަށް އާ ހެދުމެއް ގެނެސްދިނީމެވެ. ދަރިފުޅު އެ ހެދުން ހިފައިގެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދަރިފުޅަކަށް ސީދަލަކަށް ނުވެސް ހިނގެއެވެ. ދަރިފުޅު ގޮސް ލޯމަތީން އޮބައިލީމާ މަންމަ އިނީ ވަރަށް ބޮޑަށް އުފާވެފައެވެ. މަންމަ ހީކުރީ ދަރިފުޅު ދިޔައީ ހެދުން ބަދަލުކުރަންކަމަށެވެ. ކުއްލިއަކަށް ހަޅޭކެއްގެ އަޑު އިވޭން ފަށައިފިއެވެ. ދެން ފެނުނީ ދަރިފުޅު އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ކާލިއަޅަމުން ނުކުމެގެން އަންނަތަނެވެ. ދަރިފުޅުގެ ފަހަތުން ދެތިން ނޯކަރަކު ވެސް އައެވެ. އެ މީހުން ބުނިގޮތުގައި ދަރިފުޅަށް މަންމަ ދިންހެދުން ގެންގޮސް ލީ އުނދުނަށެވެ. އެ ހެދުން އަނދައިގެން ދިޔައީ ޞަދަޤާތަށް އެއްޗެއް ކައްކަން އުދާފައިހުރި އުނދުނުގެ ދަރަށްވެގެންނެވެ.
އޭރުވެސް ދަރިފުޅު ދިޔައީޤުރްއާންކިޔަވަމުންނެވެ. އެކަމަކު އެއްކަލަ ރަނގަބީލުގެ އަޑެއްނީވެއެވެ. ކިޔަވަމުންގޮސް ދަރިފުޅުއިރުއިރުކޮޅާ މަހާނައިގެ އެއްކޮޅަށް ބަލައެވެ. އެ ދިމާއިން މަހާނަ އިރައިގެންދާނޭ ވަގުތަކަށް އިންތިޒާރުކުރާ ކަހަލައެވެ. ދެންފަށަނީރޯށެވެ. ކިޔެވުން ހުއްޓައިލައިފައި އެތައް އިރަކު ރުއިމަށްފަހު މަޑުމަޑުން އަމިއްލަ ނަފްސާ މުޚާޠަބްކޮށްބުނެއެވެ. “މި ބަރަކާތްތެރި މަހާނަ ހުޅުވޭނެ. ބަރަކާތްތެރި އަތްޕުޅު ފާޅުވާނެކަން ކަށަވަރު. އިންޞާފުކުރެވޭނެކަން ގައިމު. އިންޞާފުކުރެވޭނެ. “ދެން ދަރިފުޅުލޯ މަރައިލަނީއެވެ. އަދި އަނެއްކާ ވެސް ޤުރްއާން ކިޔެވުމުގެ ތެރެއަށް ގެއްލެނީއެވެ.
މަންމެންނަށް އެއްދުވަހަކު ހަޒްރަތުޝާހްގެ ފައިންޕުޅު ފެނިއްޖެއެވެ. ކީރިތިޤުރްއާން ކިޔަވާ މީހަކާ ޖިންނިއެއް ކައިރިއެއް ނުވާނެއޭ މަންމަމެން ދެންނެވީމެވެ. އެސޮރުމެން ދުރުގައި ތިބެގެން ވައްތަރުޖައްސާނީއޭ ވެސް ދެންނެވީމެވެ. ކީރިތިޤުރްއާން ކިޔަވާ އަޅުވެރި ކުއްޖަކާޖިންނިއެއް އަވަލައިފިނަމަ އެޖިންނިއެއް ވާނީމިމަޤްބަރާގެ ޖިންނިއަކަށޭ ވެސް ދެންނެވީމެވެ. އެހެންވެއްޖެނަމަ އެ ޖިންނިއަކަށް އެކަހަލަ ކަމެއްކުރަން ކެރޭނީ ހަޒްރަތުޝާހްގެ އަމުރުފުޅަށް ކަމުގައިވެސް ދެންނެވީމެވެ. އެހެންވީމާ މަންމަމެންނާ އެކީގައި ވަޑައިގެން އެޖިންނީގެ ބަލާވެރިކަމުން ދަރިފުޅު ސަލާމަތްކޮށްދެއްވާށޭ، އާދޭސްކޮށްފައި ދެންނެވީމެވެ. އޭނާ ޖިންނި ދުރަށް ފޮނުއްވައިލައްވާނަމޭ ވިދާޅުވިއެވެ. އަދި އެއީ ކާފަރު ޖިންނިއަކަށް ވާތީ އޭނާގެ ބާރުފުޅުގެ ދަށުގައި އުޅޭޖިންނިއެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރަށް ދުޢާފުޅުކުރައްވައިގެން ޖިންނި ފައްސަވައިލައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި މަންމަމެން ވެސް ގެއަށްގޮސް ދުޢާކުރާން އެންގެވިއެވެ.
މަންމަމެންގެ ހިތްވަރު އެލިއްޖެއެވެ. ހިތް ހަލާކުވެއްޖެއެވެ. އެނބުރި ދިޔަ މަގުމަތީގައި މަންމަމެންނާ ބައްދަލުވަނީ މަޤްބަރާގެ އަންހެން ނޯކަރަކާއެވެ. އޭނާ ބުންޏެވެ. “އަޅުކަމުގެ ޚާއްޞަ ތިންދުވަހުގެ ތެރެއިން ތިންވަނަ ދުވަހު ހަޒްރަތުޝާހް މަޤްބަރާއަށް ވަޑައިގަތެވެ. ދަރިފުޅުމަހާނައިގެ ކައިރީން އަކިރިއެއްކޮށްގެންލިބާހުގެ ފަސްބަޔަށްއަޅައިގެން ހުރެ ބުނިކަމަށްވެއެވެ. “ކަނޑައެޅިފައި އޮންނަ ވަގުތު ޖެހުނީމާ ބަރަކާތްތެރި އަތްޕުޅު މި ތަނުން ފާޅުވާނެ. އެކަމަކު އަޅުގަނޑާ ދިމާއަށް އެއްފިޔަވަޅު އިތުރަށް އެޅުއްވިޔަސް ދޫލޭޝާހްދެއްވާފައި މިވާ އަކިރިން ތަޅައިގަތްގަތީނުން ދުވަސްދުއްވައިލާނަން.”ހަޒްރަތުޝާހްގެ ނޯކަރުން ދަރިފުޅު ހިފަހައްޓައިފިއެވެ. އަދި ތަޅައިގަންނާން އުޅުނީމާ ހަޒްރަތުޝާހް ވިދާޅުވިކަމަށްވެއެވެ. “މޮޔައިންނޭ! އެއީ އެކުއްޖާގެ ވާހަކައެއް ނޫން. އެއީ އެކުއްޖާގެ މައްޗަށް ބާރުފޯރުވާ ކާފަރު ޖިންނީގެ ވާހަކަ. އެޖިންނީގެ ބާރު މިމަޤްބަރާގެ މައްޗަށް ވެރިވެފައިއޮތްހައި ހިނދަކު އަހަރެންނާއި އަހަރެންގެ ޢާއިލާގެ މީހުން މި ތަނަށް އައުން ރަނގަޅެއްނުވާނެ.”
އެއް ރެއަކު މަޤްބަރާގެ ނޯކަރަކު އައިސްދަރިފުޅު މަންމައަށް އެބަ ގޮވައޭ ބުނެފިއެވެ. މަންމަމެން ހަމަ އެވަގުތު އަތުވެއްޖައީމެވެ. އޭރު ދަރިފުޅުއޮތީ މަހާނައިގެ ކައިރީގައި ބިންމަތީގައެވެ. ބައްތީގެފަނޑުއަލީގެތެރެއިން ދަރިފުޅުގެ ތުންފަތް ވަރަށް ކުޑަކޮށް ޙަރަކާތްކުރާތީ މަންމައަށް ފެނުނެވެ. އެ ވަގުތު ވެސް ދަރިފުޅު ޤުރްއާން ކިޔަވަނީކަން މަންމައަށް އެނގުނެވެ. މަންމަދަރިފުޅުގެ ބޯނަގައި އުނގުމަތީގައި ބާއްވައިގެން ބިންމަތީގައި އިށީނދެއްޖައީމެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން އިނދެ ރޯން ފަށައިފިއެވެ. އެވަގުތު ދަރިފުޅު ވަރަށް މަޑުމަޑުން ބުނެލިއެވެ. “މަންމާ! ބައްޕާ! މަހާނަ ނުހުޅުވުނީ ކިހިނެއްވެގެންކަމެއް އެކަކަށްވެސް ނޭނގޭ. މައްސަލަ ނިމުނީ. މައްސަލަނިމުނީ އަހަރެން މިއީ ފާފަވެރިއަކަށް ވެގެން. އެންމެ ރަނގަޅު. ދޫލޭޝާހް! ދެން އޮތީ އެންމެ ފަހުގެ ދުވަސް. އާޚިރަތްދުވަސް. ﷲގެޙަޟްރަތުގައި އަހަރެމެން އެންމެން ކޮޅަށްތިބޭނޭ ދުވަސް. ﷲގެ ޙަޟްރަތުގައި… ﷲގެ… ” އޭގެފަހުން ދަރިފުޅު ހިމޭންވެއްޖެއެވެ. ދުވަހަކު ވެސް ވާހަކަ ނުދައްކާ ގޮތަށް އަބަދަށްޓަކައި ދަރިފުޅު ހިމޭންވެއްޖެއެވެ.
މަންމަމެން ދަރިފުޅު ގެއަށް ގެނެސްފީމެވެ. މިއަދު ހެނދުނު ދޫލޭޝާހްގެ މަޤްބަރާއިން މީހަކު އަތުވެއްޖެއެވެ. އޭނާއައީހަޒްރަތުޝާހްދެއްވިކަފުން ފޭއްޔަކާއިގެންނެވެ. ދަރިފުޅުގެ ބައްޕައެކަފުން ފޭލި އެއްލައިލީ ދަރިފުޅު ހިނަވަން ފެންކައްކަން އުދާފައިހުރި އުނދުނަށެވެ. ދަރިފުޅާ އަވަލައިގެން އުޅުނުޖިންނި ބައްޕަޔާ އަވަލީކަމަށް ވެދާނެއެވެ.
މިހާރު…
ލޯބިވާ ދަރިފުޅާއެވެ. މަންމަގެ ފުރާނަޔާއެވެ. މަންމަގެ ހިތުގެ އެތިކޮޅެއް ކަމަށްވާ ރާނޫއެވެ. ދަރިފުޅުގެ ނިތްކުރީގައި ވާހުޅެވި ހަނދުގައި މަންމަ ބޮސްދޭނަމެވެ. ފާރިސީ ލިލަކްމަލުގެ ވަސްހަމަ މިއަދު ވެސް ހަމައެހެން އެބަހުއްޓެވެ. މުގޮށި މީދާތައް ގަސްގަހަށް އަރައި ފުމެ ހަދަމުން ދަނީއެވެ. އެދުވަހު ޖެހުނު ގޮތަށް ވައި އެބަޖެހެއެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑިތަކުން ކުރިފަޅައިފާނޭހެންނެވެ. މިހާރު ވެސް ގޭތެރެއިން ދަރިފުޅު ޤުރްއާން ކިޔަވާއަޑު އިވޭހެން އެބަހީވެއެވެ. ގޭތެރެއިން ދުވަނީ ކާފޫރުވަހެވެ. ދަރިފުޅު ވިހެއި ވަގުތު މަންމަގެ ހަށިގަނޑުގައި ވޭންއެޅި ވަރަށް މިއަދު ވެސް ވޭން އެބަ އަޅައެވެ.