ސަރުކާރުން އަދުލު އިންސާފު ގާއިމްކުރަން ނޫޅުއްވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަދީބު 20 އަހަރަށް، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

"ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް. އިންސާފު ޤާއިމްކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަޤީންވޭ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އެ މައްސަލާގައި ދަޢުވާ އުފުލައި ހުކުމް ކުރައްވާފައިވަނީ ނަމެއްގައެވެ. އެގޮތަށް ހުކުމް ކުރެއްވިއިރު ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެނގޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މިއީ ހީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއް. ޖިނާޢީ ޢަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީޢަތްތަކުން ހާމަވެގެން ހިނގައްޖެ،" ޖަމީލް ވިދާޅުވެފައިވެއެވެ.