ރާއްޖޭގެކަނޑުގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގައިގަތް ބޭރުގެ މަސްބޯޓެ ހުޅުމާލެއަށް ގެންގޮސްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެބޯޓު މިހާރުއޮތީ ހުޅުމާލެ ޖެޓީގައި ކަމަށެވެ. މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. އޭގައި 6 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ބޯޓު ފެނިފައިވަނީ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށްނެވެ.

އެބޯޓު ފެނިފައިވަނީ އެވަގުތު އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯންޏަށެވެ. އެކަން އެދޯނީން އެމްއެންޑީއެފަށް އެންގީ އިއްޔެގެ 11:45 ހާއިރުއެވެ. ކޯސްޓްގާޑަށް އެކަން ރިޕޯރޓް ކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓްވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައެވެ.

އެ ބޯޓު އަތުލައިގަނެވިފައިވަނީ އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމައި ރާއްޖެއަށް ދަތުރު ކުރުމުން އައި ކޯސްޓްގާޑު ޝިޕް ހުރަވީންނެވެ.