އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރު ޓްރޭޑް ފައިނޭންސިން ފެސިލިޓީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. މިއީ އަސާސީ މުދަލުގެ ތެރޭގައި ހިމެނޭ ތެލާއި ކާޑާއި ބޭސް ގަންނަން ހަމަޖައްސައިދިން ފެސިލިޓީއެކެެވެ.

އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސައިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަނީ ސާލިމް ސޮންބުލް އެވެ.

މި ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ މިވަގުތު މިފަދަ ޓްރޭޑް ފެސިލިޓީއެއް ހަމަޖެހިގެން ދިއުމީ ކޮވިޑުގެ ސަބަބުންނާއި ޔޫކުރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މުދަލުގެ އަގު މައްޗަށް ދިއުމުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ލިބުނު އެހީއެއް ކަމަށެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި ބޭހުގެ ކަަށަވަރުކަން ވެސް ލިބުގެންދާނޭ ކަމަށް ވިދާޅުވިއެވެ.