ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްޤެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ވަޢުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަންޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއްކަމަށެވެ. ރައީސް މިހެންމިހެން ވިދާޅުވީ، ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުކުރީ ނައިވާދޫ ބަނދަރު ސަރަޙައްދުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށެވެެ. އެ ވަޢުދުތައް ފުއްދެމުންދާކަމަށާއިނައިވާދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމުގައިވާ ފެނުގެ ދަތިކަން، އަލަށް ޤާއިމްކުރި ފެނުގެ ނިޒާމާއެކު ޙައްލު ކުރެވިއްޖެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ޙައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށެވެ. މިއަދު އެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާކަމަށާއި، އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ޙައްލުކޮށް ދެއްވާނޭ ކަމަށެވެ.

ނައިވާދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި، ފެނަކައިން އެ ރަށުގައި ޚިދުމަތްދޭން ފަށާފައި ވަނީ، ހުސްވި އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ނައިވާދޫގެ 4.5 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯރކެއް އަޅައި 174 ގޭބިސީއަކަށް މިހާރު ވަނީ ފެން ގުޅައިދީފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދެވެ.