އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށްވާ އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ އިސް ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ އެދިވަޑައިގެންފިއެވެ.
ޕްރޮސެކިއުޓަރ ކަރީމް ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތާލިބާން ސުޕްރީމް ލީޑަރު ހިބަތުﷲ އަޚުންޒާދާ އާއި ތާލިބާން އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ޙައްގާނީއަކީ، "ޖިންސުގެ ތަފާތުކުރުމާއެކު އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ" ފަރާތްތަކެއް ކަމަށް ޝައްކު ކުރެވޭނެ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ޚާން ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުން ހައްޤުން މަހުރޫމު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އައިސީސީގެ ފަނޑިޔާރުން އަޚުންޒާދާއާއި ހައްޤާނީ ހައްޔަރު ކުރުމަށް އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ޚާންގެ ތުހުމަތުތަކަށް ބަލާނެއެވެ. މިކަމަށް ހަފްތާތަކެއް ނޫނީ މަސްތަކެއް ނަގާފާނެއެވެ.
ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ފަދަ ދުނިޔޭގެ އެންމެ ނުބައި ޖަރީމާތައް ބަލައި ޝަރީއަތް ކުރަން އުފެއްދި ކޯޓެކެވެ.
އައިސީސީއަކީ އަމިއްލަ ޕޮލިސް ބާރެއް އޮތް ބައެއް ނޫނެވެ. އެ ކޯޓުން އެހީއަށް އެދެން ޖެހެނީ، 125 މެމްބަރު ގައުމުގެ މައްޗަށެވެ. މާނައަކީ އައިސީސީގެ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިނަމަ، ދަތުރެއްގައި ބަންދު ކޮށްފާނެ ކަމަށް ބިރުން، އެފަރާތަކަށް ދަތުރެއް ނުކުރެވޭނެ ކަމެވެ.
ޚާން ވަނީ ތާލިބާނުންގެ އެހެން އޮފިޝަލުން ހައްޔަރު ކުރުމަށް އިތުރު އަމުރު ނެރޭނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.
ތާލިބާންގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި ތާލިބާނުންގެ ސަރުކާރުން ވަނީ އަންހެން ކުދިން ސެކަންޑަރީ ސްކޫލާއި ޔުނިވާސިޓީ ތައުލީމު ދިނުން މަނާކޮށް ފައެވެ. އަދި ސަރުކާރު ނޫން ޖަމާއަތްތަކާއި އެހެނިހެން ވަޒީފާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ހުރަސްތަކެއް އަޅާފައިވާއިރު، އެތައް ހާސް އަންހެނުންނެއް ސަރުކާރުގެ ވަޒީފާ އިން ކަނޑާލާފައި ވެއެވެ.
ބިއުޓީ ސެލޫންތައް ބަންދުކޮށް އަންހެނުންނަށް އާންމު ޕާކްތަކާއި ޖިމްތަކަށް ޒިޔާރަތް ކުރުން މަނާ ކުރުމުގެ އިތުރުން ފިރިހެން މަހުރަމަކާ ނުލައި ދުރު ރާސްތާތަކަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
އަންހެނުންނަށް އާންމު ތަންތަނުގައި ލަވަ ނުކިޔުމާއި ޅެން ނުކިޔުމާއި ގޭގެ ބޭރުގައި ހަރު އަޑުން ވާހަކަ ނުދެއްކުމަށް އަމުރުކޮށްފައިވެ އެވެ.
ފޫޅުމާމަ ކަމާއި އާއި ނާސިންގެ ކޯސްތައް ހިންގާ ސިއްހީ މަރުކަޒުތަކަށް އަންހެނުން ދިއުން މަނާކޮށްފައި ވެއެވެ.