ހދ. ނައިވާދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއާއެކު ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އެމަނިކުފާނު މިހާރު އުތުރުގެ 4 ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހިޔާލުބަދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު، ހދ.ނައިވާދޫ ޕްރީސްކޫލްގެ ހޯލުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި ނައިވާދޫ ކައުންސިލުން ވަނީ އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫން އެހެން އެއްވެސް ރައީސަކު ވަޑައިގެންފައި ނުވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ނައިވާދޫގައި ފެށި މިހާރު ހިނގަމުންދާ މަޝްރޫޢުތައް މިހާރަށްވުރެވެސް ހަލުވި ކުރަން ރައްޔިތުން ބޭނުންވާކަމަށް ކައުންސިލުން ރައީސަށް ދެންނެވިއެވެ.

ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އިމާރާތް ބައުވެ ޖާގަ ދަތިވުމާއި، ނަރުދަމާގެ ނިޒާމާއި، ސްކޫލުގެ ހޯލު އިމާރާތުގެ މަސައްކަތް އަވަސް ކުރުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޒުވާނުނަށް ކުޅިވަރުކުޅުމަށް އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލު ކުރައްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، އެލްޖީއޭގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި އިމާރާތްކުރުމަށް އިސްކަންދެވޭ ކައުންސިލް އިދާރާތަކުގެ ލިސްޓުގައި ހިމަނައިގެން އައު އިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމާއި މެދު ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި އެކު މަސައްކަތް ކުރައްވައި އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ނައިވާދޫ ކައުންސިލު އިދާރާއަށް ޒިޔާރަތްކުރައްވައި އެ އިމާރާތުގައި ކައުސިލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާ ލައްވާފައެވެ.

ހދ ނައިވާދޫގައި ސަރުކާރުން މިހާތަނަށް 4 މަޝްރޫއެއް ވަނީ ހިންގައި ނިންމާފައެވެ. މީގެ އިތުރުން މިހާރު ތިން މަޝްރޫއެއް ކުރިޔަށް ދާއިރު އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ ނަރުޒަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއެވެ.

...................................

އެރަށަށް ވަަޑައިގެން ރައީސް ވަނީ ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފައެވެ. ފެނުގެ ނިޒާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށާއި، އެ ވަޢުދުތައް ފުއްދެމުންދާކަމަށެވެ. ނައިވާދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމުގައިވާ ފެނުގެ ދަތިކަން، އަލަށް ޤާއިމްކުރި ފެނުގެ ނިޒާމާއެކު ޙައްލު ކުރެވިއްޖެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ޙައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެފައެވެ.