ހދ. ފިނޭގައި ކުރިން ހިންގަމުން އައި އިންޖީނުގެ ބަންދުކޮށް ޒަމާނީ އައު އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފިއެވެ. އެރަށުގައި 18 އަހަރު ވަންދެން ހިންގަމުން އައި ބައު އިންޖީނުގެ ބަންދުކޮށް އައުއިންޖީނުގެއާއި އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސަލިހެވެ.

ފެނަަކައިން ވިދާޅުވެފައިވަނީ އެރަށުގައި ކުރިން ހިންގި އިންޖީނުގެއަކީ 7 އަކަމީޓަރުގެ ތަންކޮޅެއްގައި ހުރި ތަނެއް ކަމަށެވެ. އެ އިންޖީނު ހިންގަމުން އައިސްފައިވަނީ މީހުންގެ ތެރޭގައެވެ. އެހެން ކަމުން އެ އިންޖީނުގޭގެ އަޑާއި އަރާ ދުމުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ރައްޔިތުންނަށް އައީ ކުރަމުންނެވެ.

އެރަށުގައި ފެނަކައިން އަލަށް އިމާރާތްކުރި އިންޖީނުގެއަކީ ކުރިން ހުރި އިންޖީނުގެއަށްވުރެ ތިން ގުނަ ބޮޑު, 208 އަކަ މީޓަރުގެ ބޮޑު އިންޖީނުގެއެއް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ކުރީގައި ހުރި 400 ކިލޮވޮޓްގެ ޖަނަރޭޓަރުގެ ބަދަލުގައި މިހާރު ވަނީ 570 ކިލޮވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައިފައެވެ. ރަށުގެ ކަރަންޓް ނެޓްވޯކްވެސް ވަނީ މުޅިން ބަދަލުކޮށްފައި ކަމަށް ފެެނަކައިން ވިދާޅުވިއެވެ. އައު އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޮވޮޓްގެ ތިން ޖަނަރޭޓަރު ބެހެއްޓޭ ގޮތަށެވެ.

ފެނަކަ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެފައިވަނީ އެކުންފުނީން އަބަދުވެސް މަސައްކަތްކުރަނީ ކުރިއަށް ރާވައިގެން ވީހާ ގިނަދުވަސްތަކެއް ވަންދެން ރައްޔިތުންނަށް ޚިދުމަތްދެވޭގޮތަށް ކަމަށެެވެ.