ޔުއެފާ ނޭޝަންސް ލީގުގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިންނާއި ޖަރުމަނު ބައްދަލު ކުރި ފޯރިގަދަ މެޗް 3-3 އިން އެއްވަރުވެ، ވޯލްޑް ކަޕުގެ ކުރިން ޕްރެޝަރަށް ނުވެއްޓި އިނގިރޭސި ކޯޗް ގެރަތު ސައުތު ގޭޓް ސަލާމަތްވެއްޖެއެވެ.

މިފަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި ފެނިގެންދިޔަ އެންމެ ބަލާހިތްވާ ފޯރިގަދަ މެޗަށް އިނގިރޭސިންނާއި ޖަރުމަނު ރޭ ބައްދަލު ކުރި މެޗް ވެގެންދިޔައިރު ފުރަތަމަ ހާފުގައި ދެގައުމުން ކުރެ އެއްވެސް ގައުމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް އިންގްލެންޑުގެ ވިންގަރ ރަހީމް ސްޓާލިންއަށެވެ. އަރިމަތިން ޖަރުމަނުގެ އޭރިޔާގެ ތެރެއަށްވަދެ ހުހަށް ހުރެ ކަހަލަށް ގޮތަކަށް އޭނާ ފޮނުވާލި ބާރެއް ނެތް ހަމަލާ އަމާޒުވީ ޖަރުމަނުގެ ކީޕަރު ޓަރ ސްޓެޖެން އަތަށެވެ.

ދެވަނަ ހާފް ފަށައިގެން ޖަރުމަނުން ލީޑް ނެގީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު މިޑްފީލްްޑަރު އަދި ކެޕްޓަން އިކާ ގުންޑޮގަންއެވެ. މިއީ އިނގިރޭސި ކެޕްޓަން ހެރީ މަގުއޭ، ޖަރުމަނުގެ އުއްމީދީ މިޑްފީލްޑަރު މުސިއަލާއަށް ފައުލް ކުރިކަމަށް ބަލައި ދިން ޕެނަލްޓީއެކެވެ. ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީވެސް މަގުއޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އުފެއްދި ކައުންޓަ އެޓޭކެއްގައެވެ. ޖަރުމަނު ހާފުގެ މެދަކާ ހިސާބުން މަގުއޭ އަތުން ގެއްލުނު ބޯޅައިން އުފެއްދި ކައުންޓަ އެޓޭކުގައި ޖަރުމަނަށް ލީޑް ފުޅާ ކޮށްދިނީ ކައި ހަވާޓްޒްއެވެ. ހަވާޓްޒް މިލަނޑު ޖެހީ އިންގްލެންޑުގެ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމާލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެއްސުމަށްފަހުއެވެ. މިހަމަލާ ދިފާއު ކުރުމަށް އިންގްލެންޑުގެ ދެޑިފެންޑަރުން ބޮލުން ދިފާއު ކުރަން މަސައްކަތް ކުރިނަމަވެސް ބޮލުގައި ޖެހޭ ގޮތެއް ނުވިއެވެ.

އިނގިރޭސިންނަށް ރަނގަޅަށް ކުޅެލެވޭ ގޮތްވީ ފިލް ފޯޑެންގެ ބަދަލުގައި ބުކަޔޯ ސަކާ އަދި ރަހީމް ސްޓާލިންގެ ބަދަލުގައި މޭސަން މައުންޓް ކުޅެން އެރުވި ހިސާބުންނެވެ. ސަކާ ހިފެހެއްޓުމުގައި ޖަރުމަނު ޑިފެންޑަރުން ފެލްވިއިރު އިނގިރޭސިންގެ ފުރަތަމަ ލަނޑު ލޫކް ޝޯ ޖެހުމުގައި އޭނާގެ ދައުރު ބޮޑެވެ. އަދި ދެވަނަ ލަނޑު މައުންޓް ޖެހީ ސަކާ ދިން ޕާހަކުން އޭރިޔާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް އެއްފަހަރުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. ފަހަތުން އަރައި އިނގިރޭސިން ލީޑް ނެގީ އިނގިރޭސި އުއްމީދީ މިޑްފީލްޑަރު ބެލިންގހަމްއަށް ޖަރުމަނު އޭރިޔާގެ ތެރެއިން ފައުލް ކުރި ބަލައި ދިން ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭންއެވެ. ފަހަތުން އަރައި އިނގިރޭސިން ތިން ލަނޑު ޖެހީ އެންމެ ބާރަ މިނެޓުގެ ތެރޭގައެވެ. މިއާއެކު ވެމްބްލީ ސްޓޭޑިއަމަށް ވަދެ ތިބި އެތައް ހާސް ސަޕޯޓަރުން ކެކި އުތުރެން ފެށިއެވެ.

އިނގިރޭސިން މޮޅުވާން ދަނިކޮށް 87 ވަނަ މިނެޓުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ހަވާޓްޒްއެވެ. އޭރިޔާގެ ބޭރުން ސާޖީ ނަބްރީ ފޮނުވާލި ހަމަލާ އިނގިރޭސި ކީޕަރު ނިކް ޕޯޕް އަތުގައި ޖެހިފައި ނިކުތް ވަގުތު ހަވާޓްޒް ކާމިޔާބު ކުރިއިރު އޭނާ ކައިރީގައި ހުރި ލޫކް ޝޯއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

މިގްރޫޕުގެ ފުލަށް ދިޔުމުން އިނގިރޭސިން ވަނީ ނޭޝަންސް ލީގުން ރެލިގޭޓް ވެފައެވެ. ރޭ ހަންގޭރީ 2-0 އިން ބަލިކޮށް މިގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ އިޓަލީއެވެ.