ނޭޕާލުގައި ޗައިނާއިން އަޅަން އުޅޭ ރޭލު ލައިނަށް ތާއިދުކުރާ މީހުންގެ އަދަދު މަދުވެފައިވެއެވެ.
ޗައިނާއިން ވަނީ 170 ކިލޯމީޓަރުގެ ޓްރާންސް ހިމާލަޔަން ޓިބެޓް-ނޭޕާލް ރޭލްވޭގެ ފީސިބިލިޓީ ސްޓަޑީއެއް ފެށުމަށް ރާވާފައެވެ. ނަމަވެސް، އެމަޝްރޫއާ ގުޅޭ ގޮތުން އުފެދޭ ތިމާވެށްޓާ ގުޅޭ ފަންނީ ސުވާލުތަކެއް އެބަހުރި ކަމަށް ބުނެ އެ ކަންބޮޑުވުންތައް ނޭޕާލްގެ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ނޭޕާލް-ޗައިނާ ސަރަހައްދު ބަންދުކޮށްފައި އޮތް މައްސަލައަށް އަދިވެސް ހައްލެއް ނުލިބެ އެވެ. ނޭޕާލް ވިޔަފާރިވެރިން އެކަމާ ދެކޮޅަށް ޝަކުވާ ކުރެއެވެ.
ނޭޕާލް ޗައިނާ ރޭލްވޭއަކީ މީގެ ތިން އަހަރު ކުރިން އިއުލާން ކޮށްފައިވާ މަޝްރޫއެކެވެ. އެކަމަކު ތިން އަހަރު ފާއިތުވެގެން ދިޔައިރު އަދިވެސް މި މަޝްރޫއަށް ނޭޕާލުގެ ލީޑަޝިޕާއި އިންޖިނިއަރުން ނުވަތަ ތިމާވެށީގެ މާހިރުންގެ ފަރާތުން މާބޮޑު ތާއީދެއް ނުލިބޭ ކަމަށް އައި އޮފް ނޭޕާލް އިން ރިޕޯޓްކުރެއެވެ.