ގައުމީ ދުވަސް ނިސްބަތްވާ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ އަދި ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީ ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޤައުމީދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ ވެސް އިހުގައި އޮތް ޤައުމިއްޔަތު އަނބުރާ ދިރުވުމުގެ ގޮތުންކުރެވޭ މަސައްކަތްތަކެއްކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ޢަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ތާރީޚާއި، ސަގާފަތާއި، އާސާރުތައް ދަމަހައްޓަންޖެހޭކަމަށެވެ. ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި މިއަދު ފެންނާން ހުރީ އުތީމުގަނޑުވަރުފަދަ މަދު އާސާރުތަކެއްކަމަށެވެ. އެހެން ކަމުން ކަޅުވަކަރު މިސްކިތްފަދަ މާލޭގާ ހުރި ތާރީޚީ ބިނާތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ، ތާރީޚީ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ވަކި ސިޔާސަތަކާ އެކު، ސަރުކާރުން ކުރަމުން ގެންދަވާ ކަމަށެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމްދީނުގެ، މަތިވެރި އަޤީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެފަދައިން އަމަލުކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ، ގޮންޖެހުން ތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުން ދަރިން ތަރުބިއްޔަތުކޮށްދިނުމަކީ ދިވެހިކޮށްމެ ރައްޔިތަކުންވެސް ޤައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައް ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައިއުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައިވެއެވެ.