ބޭނުންވާ އެއްޗެއް ބޭރުން އެތެރެކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް، ޤައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީދުވަހާ ގުޅިގެން އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ދިވެހިންނަކީ އަސާލާއި ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް. އާދައާއި ބަހުރުވަ އެކައްޗެއް. އެކަންކަން، އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ހިއްސާވި ގައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް. ދިވެހި ގައުމިއްޔަތު ޒީނަތްވެދާ މި ދެންނެވި ބޮޑު އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގައި މަދުވާނެ،" ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާގާއި، ރިވެތި އުޅުމާއި ސުލޫކު ކަމަށެވެ. އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށް ވެސް ވިދާޅުވިއެވެ.

"ގައުމިއްޔަތަކީ ގައުމުދެކެވާ ލޯބި. ވަށައިގެންވާ މާޙައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ޙަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ޤައުމިއްޔަތަށް އޮތް ލޯބި،"
ރައީސް ސާލިހު

ބޮޑުތަކުރުފާނުގެ ޒަމާން އެ ޒަމާނުގެ ގޮތުގައި ފާއިތުވެ، މި ޒަމާން އައިއިރުވެސް ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ އެބަ ހެކިވާ ކަމަށާއި ފަތުރުވެރިކަން ރާއްޖެއަށް ފެތުރުނުތާ 50 އަހަރު މި އަހަރު ފުރޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދިވެހީންގެ ހިތްތަކުގައި މެހްމާންދާރީއާއި އޯގާތެރިކަމާއި ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލް ކަމުގައި ރާއްޖެ ނުވީސް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަޙައްދަކީ ގައުމެއް ނޫންކަމަށެވެ. ގައުމެއް ނެތްނަމަ ގައުމިއްޔަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށާއި ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ޤައުމިއްޔަތުގެ ތަރުތީބު ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ އަދި ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީ ދިވެހިންގެ ގައުމިއްޔަތު ދިފާއުކޮށްދެއްވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑަށް މި ހުރެވުނީ ރާއްޖޭގެ އެންމެ އުތުރުގެ އިން ކަމުގައިވާ ތުރާކުނާ މާ ދުރަކުނޫން. އެ ތުރާކުނުން ފެށި އައްޑޫ ގަން، ދެކުނު މުއްޔާ ދެމެދުގައިވާ ހުރިހާ ސަރަޙައްދަކީ މި ދިވެހިރާއްޖެ. ދިވެހި ކާބަފައިން އެކީ އެއް ހަމައެއްގައި އުފުލައި ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާއަކީ، މި ގައުމާއި ދިވެހި ގައުމިއްޔަތު. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ނަޖާތު ކަމުގައިވި މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާއި ތާރީޚާއި އާދަކާދައާއި ސަގާފަތް. ދިވެހިންގެ އަދަބު އަޚްލާގާއި ސުލޫކު ގައުމިއްޔަތުގައި ޝާމިލްވޭ،" ރައީސް ވިދާޅުވިއެވެ.