ޤައުމީދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް އެމްއެންޑީއެފް އިން ޤައުމީ ލަވަ އަލްބަމެއްނެރެއެވެ. މިއަހަރުގެ ޤައުމީލަވަ އަލްބަމް "ދިވެހިރާއްޖެ" މިއަދު ނެރެފިކަމަށް މޯލްޑިވިސް ޑިފެންސް ފޯސްއިން މައުލޫމާތު ދެއްވިއެވެ.

"ދިވެހިރާއްޖެ" ތީމެއްގެ ގެތުގައި ޚާއްޞަކޮށްފައިވާ މި ލަވަ އަލްބަމްގައި ޖުމުލަ 7 ލަވަ ހިމެނެއެވެ. މިހުރިހާ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ މޮޅު ލަވަކިޔުންތެރިންކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ. އަދި މި އަލްބަމަށް ލަވަ ހައްދަވައިދެއްވި ބޭފުޅުންގެތެރޭގައި ރާއްޖޭގެ އެންމެ މޮޅު ޝާޢިރުން ހިމެނިވަޑައިގަންނަވައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ލަވަތަކުގައިވެސް ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނެއެވެ. އަދި މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވެއެވެ.

މިއަހަރުގެ ޤައުމީދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓާއި، އެމްއެންޑީއެފްގެ ޔޫޓިޔުބް ޗެނަލްއަށް ވަނީ "އަޕްލޯޑް" ކޮށްފައެވެ. އަދި އަލްބަމްގެ އޯޑިއޯ އާއި ވީޑީއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްއެންޑީއެފް އިން ދަނީ 2002 ވަނަ އަހަރުން ފެށިގެން ގައުމީދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އެމްއެންޑީއެފްގެ މި ޤައުމީލަވަތަކަކީ އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ