ކުރިއަށް އޮތް ނޮވެމްބަރު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ މެޗުތަކުގެ ޓިކެޓްތައް ހުސްވި ފުރަތަމަ ގައުމަކަށް އާޖެންޓީނާ ވެއްޖެއެވެ.

މަޝްހޫރު ލިއޮނަލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ނިކުންނަ އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ މެޗުތަކުގެ ޓިކެޓްތައް ވިކި ހުސްވެފައިވާކަން ހާމަކުރީ މިއަދު ފީފާއިންނެވެ. ފީފާއިން މިކަން ހާމަކުރީ ޓިކެޓް ވިއްކުމަށް ހުޅުވާލި އެންމެފަހު ފުރުސަތުގެ އަޕްޑޭޓްސް ހާމަ ކުރަމުންނެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ހިމެނެނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އަދި ޕޮލެންޑާއެކު ގްރޫޕް "ސީ" ގައެވެ. ޓިކެޓް ވިއްކަން ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވިކި ހުސްވެފައި ވަނީ އާޖެންޓީނާ އާއި މެކްސިކޯ ބައްދަލު ކުރާ މެޗުގެ ޓިކެޓްތަކެވެ. އެއަށްފަހު އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރަން ހަމަޖެހިފައިވާ މެޗުގެ ޓިކެޓެވެ.

ވޯލްޑް ކަޕް 2022، ގައުމުތައް ގްރޫޕް ކުރެވިފައިވާ ގޮތް. ފޮޓޯ: ފީފާ.ކޮމް

ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި އާޖެންޓީނާ ބައްދަލު ކުރާނީ ނޮވެމްބަރު 22 ވަނަ ދުވަހު ސައުދީއާއެވެ. އެއަށްފަހު ދެވަނަ މެޗުގައި ނޮވެމްބަރު 26 ވަނަ ދުވަހު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ނިކުންނާނީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ.

ފީފާއިން މިފަހަރު ޓިކެޓް ވިއްކަމުން ދަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މިއަދު ހުޅުވާލާފައި ވަނީ އެންމެފަހު ބުރުގެ ޓިކެޓް ވިއްކުމެވެ. ޓިކެޓް ވިއްކުން ހުއްޓާލުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެއްމެޗަކަށް އެކަކަށް ވިއްކުމަށް ފީފާއިން ހަމަޖައްސާފައި ވަނީ 6 ޓިކެޓެވެ. އަދި މުޅި މުބާރާތަށް އެކަކަށް ވިއްކުމަށް ހަމަޖައްސާފައި ވަނީ 16 ޓިކެޓެވެ. ފީފާއިން ހާމަ ކޮށްފައިވާ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕަށް މިހާތަނަށް 2.4 މިލިޔަން ޓިކެޓް ވަނީ ވިއްކައިފައެވެ.