ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ގައުމު ކަމުގައިވާ ދެކުނު ކޮރެއާ އާއި އިރާން އަދި ޖަޕާނުން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން އުއްމީދީ ނަތީޖާތަކެއް ނެރެފިއެވެ.
ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކެޕްޓަން އަދި ތަޖުރިބާކާރު ވިންގަރ ސަންގ ހިން މިއުންގެ ހަމައެކަނި ލަނޑުން ދެކުނު ކޮރެއާއިން ކެމަރޫން ބަލިކުރީ 1-0 އިންނެވެ. ކެމަރޫންއަކީ އެފްރިކާ ބައްރުން މިފަހަރު ވޯލްޑް ކަޕް ތަމްސީލް ކުރާނެ އެއްގައުމެވެ. ކެމަރޫން ހިމެނެނީ ވަރުގަދަ ބްރެޒިލް އާއި ސްވިޓްޒަލޭންޑާއި ސާބިއާއެކު ގްރޫޕް "ޖީ" ގައެވެ. ދެކުނު ކޮރެއާ ހިމެނެނީ ޕޯޗުގަލް އާއި އުރުގުއޭ އަދި ގާނާއެކު ގްރޫޕް "އެޗް" ގައެވެ. ދެކުނު ކޮރެއާއިން ވަނީ މިދިޔަ ހުކުރު ދުވަހު، ކޮސްޓާރިކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. ސައުތު ކޮރެއާގައި ކުޅުނު އެމެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
އޭޝިޔާގެ އުއްމީދުތަކާ މިފަހަރު އެންމެ ބޮޑަށް ގުޅިފައިވާ އިރާނުން މިރޭ ސެނަގާލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އިރާންގެ މޯޓެޒާ އަތުން 55 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑަކުން ސެނަގާލްއަށް ލީޑް ލިބިފައި ވަނިކޮށް އިރާނުން އެއްވަރު ކުރީ 64 ވަނަ މިނެޓުގައި ފޯވާޑް ސަދަރް އަޒްމޫންގެ ލަނޑަކުންނެވެ. އެކުވެރިކަމުގެ މެޗެއްގައި އިރާނުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަރުގަދަ އުރުގުއޭގެ މައްޗަށް 1-0 އިން ކުރި ހޯދިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ވަރުގަދަ ސްޕެއިނާއި ޖަރުމަނާއެކު ގްރޫޕް "އީ" ގައި ހިމެނޭ ޖަޕާނުން މިރޭ އިކްއެޑޯރާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެގައުމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ދެގައުމުން ކުރެ ގައުމަކަށް ލިބިފައެއް ނުވެއެވެ. ޖަޕާނުން ވަނީ އެގައުމުން އެންމެފަހުން މިދިޔަ ހަފްތާގައި ކުޅުނު އެކުވެރިކަމުގެ މެޗުތައި 2-0 އިން އެމެރިކާ ބަލި ކޮށްފައިކަން ފާހަގަ ކުރެއެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާއިރު، ވޯލްޑް ކަޕަށް ދެކުނު ކޮރެއާ އާއި ޖަޕާން އަދި އިރާން ދާނީ އެކުވެރިކަމުގެ އިތުރު މެޗެއް ނުކުޅެއެވެ.