މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިޔާގެ އަންހެން އެންމެ ޝަރަފްވެރި ބާސްކެޓް ބޯޅަ މުބާރާތުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު، އެންމެފަހުގެ ޗެމްޕިއަން ލަންކާ ބަލިކޮށް ނޭޕާލުން ފައިނަލުން ފުރުސަތު ހޯދުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.
ސޯޝިއަލް ސެންޓަރުގައި ކުޅުނު މިމެޗް ނޭޕާލުން ކާމިޔާބު ކުރީ 55-49 ޕޮއިންޓުންނެވެ. ރޭ ބޫޓާނުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދި ލަންކާއަށް މިރޭ ނޭޕާލާ ދެކޮޅަށް ކުޅުނުއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް މައްސަލައެވެ. ލަންކާ ކުޅުންތެރިންގެ ފަރާތުން މިިމެޗުގައި ވަރުބަލިކަން ވަރަށް ބޮޑަށް ފާހަގަވިއެވެ. ލީގް އުސޫލުން މުބާރާތް ރާވާފައިވާއިރު ލަންކާ މެޗުތައް ކުޅެން ޖެހެނީ އަރާމް ކުރަން ދުވަހެއް ނުލިބިކަން ފާހަގަ ކޮށްލެވެއެވެ.
ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެގައުމަށް ފައިނަލުން ފުރުސަތު ލިބޭއިރު، ރާއްޖެއިން ވަނީ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފައެވެ. ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ރޭ (ބުދަ ދުވަހުގެ ރޭ) ބައްދަލު ކުރާނީ ލަންކާއާއެވެ. ލަންކާ އަތުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ރާއްޖެއަށް ޔަގީންވީއެވެ. ލަންކާ މެޗަށްފަހު ރާއްޖެއަށް ދެން އޮންނާނީ ބޫޓާން މެޗެވެ.
ދެކުނު އޭޝިޔާގެ 7 ގައުމުގެ ތެރެއިން މުބާރާތުގައި ވާދަ ނުކުރަނީ ޕާކިސްތާނާއި އިންޑިޔާ އަދި ބަންގްލަދޭޝްއެވެ.