މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ޗައިނާއިން ވަނީ ދުނިޔޭގެ މާކަނޑުގައި މަސްވެރިކަން ކުރާ އެންމެ ބޮޑު ފްލީޓް ބިނާކޮށްފައެވެ. މިހާތަނަށް ބަލާއިރު، ގާތްގަނޑަކަށް 3،000 ބޯޓު ޗައިނާގެ މާކަނޑުގައި މަސްވެރިކަން ކުރާ ފްލީޓްގައި ހިމެނެއެވެ. އަމިއްލަ އައްސޭރިފަށުގެ ކަނޑުގައި ސްޓޮކްތައް ވަރަށް ބޮޑަށް ހުސްވެފައިވާ ޗައިނާއިން މިހާރު މަސްވެރިކަން ކުރަނީ ދުނިޔޭގެ ކޮންމެ ކަނޑެއްގައިވެސް، އެ ސަރަހައްދެއްގެ މީހުންގެ މަސްވެރިކަމާ ނުބައްދަލު މިންވަރަށެވެ.

އިންޑިއާ ކަނޑުން ފެށިގެން ދެކުނު ޕެސިފިކް އާއި ހަމައަށް، އަދި އެފްރިކާގެ އައްސޭރިފަށުން ފެށިގެން ދެކުނު އެމެރިކާގެ އައްސޭރިފަށާ ހަމައަށް ޗައިނާގެ މަސްވެރިކަމުގެ ދާއެޅުމުގެ އަސަރު އިހުސާސް ކުރެވެމުންދާ ކަމަށް މަސްމަމހާ މެހި ހޖހިމާޔަތް ކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ މި މަސައްކަތުގެ ސަބަބުން ޑިޕްލޮމެޓިކް ދެކޮޅު ހެދުންތަކާއި އަދި ގާނޫނީ މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ. އަދި އެހެން ގައުމުތަކުގެ ސަރަހައްދީ ކަނޑުތަކަށް އަރައިގަތުމާއި، މަސްވެރިންގެ ހައްގަށް ނުބެލުމާއި މަސްމަހާ މެހިގެ ނެތިދިއުމުގެ ނުރައްކާ އޮތް ބާވަތްތައް ހިފުން ފަދަ ގަވާއިދާ ހިލާފު ހަރަކާތްތަކާ ވެސް ޗައިނާ ފްލީޓާއި ގުޅިފައިވެއެވެ. 2017 ވަނަ އަހަރު އިކުއެޑޯއިން ވަނީ ޗައިނާގައި ރަޖިސްޓްރީ ކޮށްފައިވާ މަސްބޯޓެއް ހިފަހައްޓާފައެވެ. އެއީ 6،620 ޓަނުގެ މިޔަރުގެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ފްރިޖް ބަހައްޓާފައިވާ ބޯޓެއް ކަމަށްވާ ފޫ ޔުއާން ޔޫ ލެންގް 999 އެވެ. ނަމަވެސް ޗައިނާއިން މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރާ ކަމަށް ތިމާވެށްޓާ ބެހޭ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޗައިނާގައި ތަނަވަސްވަމުން އަންނަ ކޮންސިއުމަރ ކްލާހެއްގެ ޑިމާންޑްތައް ބޮޑުވަމުންދާތީ، ޗައިނާއަށް އިތުރަށްވެސް މަހުގެ ބާވަތްތައް ބޭނުންވެއެވެ.

2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ކޮންޒަވޭޝަން ގްރޫޕް އޯޝަނާ އިން ވަނީ ކަނޑުގެ މުއާހަދާގެ ގާނޫނުގެ ދަށުން ގުދުރަތީ ވަސީލަތްތަކުގެ ހައްގުތައް ދަމަހައްޓާ އިކުއެޑޯގެ ސަރަހައްދުން 200 ނޯޓިކަލް މޭލު ދުރުގައި އޮންނަ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުގައި އޮންނަ ގަލަޕަގޯސް ކައިރީގައި ހަރަކާތްތެރިވި ގާތްގަނޑަކަށް 300 ޗައިނާ ބޯޓު މޮނީޓަރކޮށްފައެވެ.

ގަލަޕަގޯސް ކައިރީގައި މަސްވެރިކަމުގެ ގާތްގަނޑަކަށް 99 ޕަސެންޓް މި ބޯޓުތަކުން ހިއްސާކުރި ކަމަށް ބެލެވެއެވެ.

ޗައިނާއަށް ސިނާއީ ފެންވަރުގައި މިފަދަ މަސްވެރިކަން ކުރެވެނީ 1996 ވަނަ އަހަރު އުފެއްދި ފިނިކުރާ ކާގޯ ބޯޓެއް ކަމަށްވާ ހައި ފެންގް 718 ފަދަ ބޮޑެތި ސިންގާ އުޅަނދުތަކުގެ ސަބަބުންނެވެ.

އެ ބޯޓަކީ ސަރުކާރު ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް ފިޝަރީޒް ކޯޕަރޭޝަންގެ ބޯޓެކެވެ. ހައި ފެންގް 718 އަކީ ކެރިއަރ ވެސެލް ނުވަތަ މަންމަ ބޯޓެއްގެ ނަމުން މަޝްހޫރު ބޯޓެކެވެ.

އެ ބޯޓުގައި މަސްތައް ރައްކާތެރިކުރުމަށް ފިނިކުރާ ސްޓޯރޭޖް ހޯލްޑްސްތައް ހަދާފައި ހުރެއެވެ. އަދި ކުދި ބޯޓުތަކަށް ތެލާއި އެހެނިހެން ތަކެތި އުފުލައި ސަޕްލައި ކުރާއިރު ކަނޑުގައި ފަޅުވެރިންނަށް އަލުން ސަޕްލައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ. އޭގެ ސަބަބުން އެހެން އުޅަނދުތަކަށް އެނބުރި ބަނދަރަށް ދިއުމަށް ވަގުތު ހޭދަކުރަން ނުޖެހި، ގާތްގަނޑަކަށް މެދުނުކެނޑި މަސްވެރިކަން ކުރެވެއެވެ.

ޖޫން 2021 އިން ފެށިގެން އަހަރެއްގެ ތެރޭގައި ކަނޑުގެ އެކި ސަރަހައްދުތަކުގައި ޗައިނާގެ ދިދަ ޖަހާފައިވާ އެތައް މަސްވެރި އުޅަނދަކާ ހައި ފެންގް 718 ބައްދަލުކުރި ކަމަށް ބޯޓު ޓްރާންސްޕޯންޑަރުން ލޮކޭޝަން ޑޭޓާ އެއްކޮށް ދިރާސާކުރާ ޖަމިއްޔާއެއް ކަމަށްވާ ގްލޯބަލް ފިޝިން ވޮޗް އިން ބުނެއެވެ.

ހައިފެންގގައި ފަސް ލައްކަ ކިއުބިކް ފޫޓުގެ މުދާ ރައްކާ ކުރެވެއެވެ.

ގްލޯބަލް ފިޝިންގ ވޮޗްއިން ބުނާ ގޮތުގައި އެތައް ސަރަހައްދެއްގައި މަސް މަހާމެހި ދަނީ މަދުވަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އިތުރަށް މަސްވެރިކަން ކުރުމާއި ދާއަޅައިގެން މަސްވެރިކަން ކުރުމުން މިކަމުގެ އަސަރު އިތުރަށް ގޯސްވަކަމަށް ބުނެއެވެ.