ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އައު އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. އެތަން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއީ އެރަށުގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އިންޖީނިގެއެކެވެ. އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓާ ހަމައަށް ތަރައްޤީކުރެވިފައި ކަމަށް އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން އެދި އެދި ތިބި ޚިދުމަތްތައް ދިނުމުގައި ފެނަކައިން އިޚްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އޭގެ ސަބަބުން އެމަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއަރމަނަށާއި، އެމް.ޑީ.އަށް އަދި މުވައްޒަފުންނަށް ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނާއި ސަރުކާރަށް އެންމެ ފައިދާއާއި ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުތީމުގައި ޢިމާރަތް ކުރެވުނު އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި އޮފީސް ޢިމާރާތް ބައްލަވާލައްވާއި، އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާ ގޮތް އޮޅުންފުލުވައިފައެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެއެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.