ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ، 2.1 ބިލިއަންރުފިޔާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެފައީސާ ހަމަޖެހުމަށްފަހު މަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކުރެވިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްގީ ކުރަނީ 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ ގޮތަށެވެ. އޭގެ އިތުރުން އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން ތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، 8000 ޓޫރިސްޓް އެނދު ގާއިމްކުރުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނާއި، ޒިޔާރަތްކުރައްވާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަގީންކަން މިހާރު އޮންނާނޭ ކަމަށެވެ. އާރް.ޓީ.އެލްގެ ސަބަބުން މުދަލާއި ޚިދުމަތާއި، ވިޔަފާރިއާއި، ސިއްޙަތާއި، ތަޢުލީމާއި، ކުލުނާއި ލޯބިން، އެ ޒޯނުގެ 41 ރަށް އެއްކޮށް ބަދަހިކޮށް ބަނދެ ދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ މެދުގައި އޮތް ދުރުކަމާއި، ހުސްކަމާއި ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޮޑުތިލަދުންމަތީގައި އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދިއްދޫ ރައްޔިތުންގެ ފަރާތުން، ޙާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހަނދާނީފިލާ އެރުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ޢަބްދުﷲ ވަޙީދެވެ.