މިއަހަރު ނޮވެމްބަރު މަހު ޤަތަރުގައި ބާއްވާ ވޯލްޑް ކަޕާއި ގުޅިގެން ދެގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ޗައިނާއިން ގަތަރަށް 2 ޕެންޑާ ދިނުމަށް ނިންމައިފިއެވެ.
ޗައިނާއިން ގަތަރަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ޒޫޖިއާން ވިދާޅުވީ "ސުހައިލް" އާއި "ސޮރަޔާ" ނަމަކަށް ކިޔާ ދެޕެންޑާ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ގަތަރަށް ފޮނުވޭނެ ކަމަށެވެ. " ސުހައިލް އަދި ސޮރަޔާ ކުރިއަށް އޮތް އޮކްޓޫބަރު މަސް ތެރޭގައި ގަތަރަށް ފޮނުވޭނެ. މިއީ ޗައިނާގެ 1.4 ބިލިޔަން ރައްޔިތުންގެ ފަރާތުން ގަތަރު ވޯލްޑް ކަޕަށް ދެވޭ ހަދިޔާއެއް. އަދި މިއީ ދެގައުމުގެ ރަހްމަތްތެރިކަމުގެ ރަމްޒެއް ކަމުގައިވާނެކަން ޔަގީން ކުރަން" ޒޫޖިއާން ވިދާޅުވިއެވެ.
"ސޮހައިލް" އަކީ އަރަބި ގައުމުތަކަށް ފެންނަ އެންމެ އަލިގަދަ ތަރިޔަށް އަރަބިން ކިޔައި އުޅޭ ނަމެވެ. އަދި "ސޮރަޔާ" 6 ތަރީގެ މައްޗަށް އެކުލެވޭ ތަރިތަކެކެވެ. މިތަރިތަކުގެ އަލި ހުންނަނީ ނޫކުލައިން ދިއްލިފައެވެ. މިތަރިތަކަށް "ޗާންދަލިޔާ" ވެސް ކިޔައެވެ.
ގަތަރު ވޯލްޑް ކަޕަށް ޗައިނާ ކޮލިފައި ނުވިނަމަވެސް، ވޯލްޑް ކަޕަށް ތައްޔާރުވުމަށް ގަތަރުން ހިންގި މެގަ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުނިތަކުންނެވެ. މީގެ އިތުރުން ޗައިނާގައި އެންމެފަހުން ބޭއްވި ވިންޓަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ޔޫރަޕުގެ ގިނަ ގައުމުތަކުގެ ވެރިން ފިނި ތަރުހީބެއް ދެއްވިއިރު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ ވިންޓަ އޮލިމްޕިކްސް ހުޅުމުގެ ރަސްމިއްޔާތަށް ޗައިނާއަށް ވަޑައިގަތެވެ.
ގަތަރު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފަިއ ވަނީ ނޮވެމްބަރު 20 ވަނަ ދުވަހު ގަތަރާއި އިކްއެޑޯރު ބައްދަލު ކުރާ މެޗުންނެވެ. ވޯލްޑް ކަޕަށް ތައްޔާރު ވުމަށް ގަތަރުން ވަނީ 20 ބިލިޔަން ޑޮލަރު ހޭދަކޮށްފައެވެ.