ދެކުނު އޭޝިޔާގެ އަންހެން އެންމެ ޝަރަފްވެރި ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ދިފާއު ކުރެވުނީ ކުޅުންތެރިން ދެއްކި ތަފާތު ހިތްްވަރަކުން ކަމަށާއި ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށް ލަންކާގެ ކޯޗް ލިޔާނަގޭ ޕްރަސަންނަ ޖަޔަސިންގެ ބުނެފިއެވެ.

ރާއްޖެއާ ދެކޮޅަށް ރޭ ނުކުތްއިރު ލަންކާއަށް ޗެމްޕިއަންކަން ލިބެން އޮތީ 9 ޕޮއިންޓަށްވުރެ ކުޑަ ނޫން ތަފާތަކުން މޮޅު ވެގެންނެވެ. މެޗުން މޮޅުވެގެން ރާއްޖެއަށްވެސް ޗެމްޕިއަންކަން ހޯދެން އޮތެވެ. އެކަމަކު ތަޖުރިބާކާރު ކުޅުންތެރިން ގިނަ ލަންކާއިން ވަނީ މެޗް ފެށީއްސުރެ މެޗުގެ އެންމެފަހު ވަގުތާ ހަމައަށް ކަށިން ހިތްވަރު ނެރެ 72-59 ޕޮއިންޓުން ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ދިފާއު ކޮށްފައެވެ.

"ރަން މެޑަލުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ ކުޅުންތެރިންނަށް. ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ގަދަ ހިތްވަރެއްކޮށްގެން ކުޅުންތެރިން މިމެޗް ކާމިޔާބު ކުރީ. ބޭނުންވާ ވަރަށް ޕްރެކްޓިސް ނުކުރެވި، އެކުވެރިކަމުގެ މެޗުތައް ކުޅެން ފުރުސަތު ނުލިބި، ވަރަށް ދަތިހާލުގައި އޮވެ ކުޅުންތެރިން ހޯދި ކާމިޔާބެއް މިއީ" އުފަލުން ފެންކަޅިވެފައި ހުރެ ލަންކާގެ ކޯޗް ޖަޔަސިންގެ ބުންޏެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެވޭތީ ރާއްޖެއިން މިފަހަރު މުބާރާތަށް ނިކުތީ ޗެމްޕިއަންކަން ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ. މިގޮތުން ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށްވެސް ރާއްޖެއިން ކުރި ހޯދިއެވެ. ލަންކާއާ ދެކޮޅަށް ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަންކާ ކުޅުންތެރިންގެ ފިޒިކަލް ކުޅުމެވެ. ރާއްޖޭ ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ އަމިނަތު އަސްރާއު އާއި އެހެން ކުޅުންތެރިންނަށްވެސް ގިނަ ފައުލްތަކެއް އަމާޒުވިއެވެ.

މިއީ ލަންކާއިން ޖެހިޖެހިގެން ދެކުނު އޭޝިިޔާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ރަންމެޑަލް ހޯދި ދެވަނަ ފަހަރެވެ. މިފަހަރު ރިހި މެޑަލްވެސް ލިބުނީ އެންމެފަހުގެ މުބާރާތުގައިވެސް ރިހި މެޑަލް ހޯދި ނޭޕާލްއަށެވެ. ރާއްޖެއަށް ބްރޯންޒް މެޑަލް ލިބެން އޮތީ މިރޭ ބޫޓާނު އަތުން މޮޅުވެގެންނެވެ. ލަންކާ އަތުންނާއި ނޭޕާލް އަތުން ބޫޓާން ބަލިވެފައި ވަނީ ތަފާތު ބޮޑުކޮށެވެ. ރާއްޖެއަކީ އެންމެފަހުގެ މުބާރާތުގެވެސް ތިންވަނަ ހޯދި ގައުމެވެ.