އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހއ. ބާރަށުގައި ކުރިއަށްގެންދިޔަ "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ކާމިޔާބު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ހއ.ބާރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ޕްރޮގްރާމް ހިންގައިދިނުމުގައި އެހީތެރިވެދިން ފަރާތްތަކަށާއި، މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
މި ޕްރޮގްރާމްގައި، އެ ރަށުގެ ހަތަރު ފިރިހެނުންނާއި 68 އަންހެނުން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަގުސަދު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއީ ހއ.ބާރަށު ކައުންސިލް އިދާރާއާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ (ޑަބްލިއުޑީސީ)އާއި ބާރަށު ޕޮލިސް ސްޓޭޝަނާއި، ބާރަށު ސްކޫލު އަދި ބާރަށު ޞިއްޙީ މަރުކަޒުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދީ، ކަސްރަތު ކުލާސްތަކުގައި ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ ސާޖަންޓް ފަސްޓް ކުލާސް ޝިފާޢު ޢަބްދުލްކަރީމާއި ސްޓާފް ސާޖަންޓް މުމްތާޒް ޢަބޫބަކުރުގެ އިތުރުން ލާންސް ކޯޕްރަލް މަރިޔަމް ރީޝާއެވެ.