ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕީޖީ ލީޑަރ އަބްދުﷲ ރިޔާޟް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއަކަށް އިއްޔެ ހުށަހަޅުއްވައިފިއެވެ. މިމައްސަލައިގައި ޕީޖީ ލީޑަރ ރިޔާޟް ސިޓީ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.

ރިޔާޟް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ތ. އަތޮޅަކީ މަސްވެރިކަން ފިޔަވައި އިޤްތިޞާދީ އެހެން މައިގަނޑު ސިނާޢަތްތަކެއް ނެތް ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން މަސްވެރިން ބާނާ މަސްކޮޅު ފަސޭހައިން ކިރާލެވޭނެ ވަސީލަތެއް ފަހިވެފައި އޮތުމަކީ އެ ސަރަޙައްދުގެ މަސްވެރިންނަށާއި ރައްޔިތުންނަށް ނުހަނު ފަސޭހަވެ، ސަރަޙައްދުގެ އިގްތިސާދަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް ކަމަށެވެ. ފުނައްޑޫގެ މި މައްސަލައަކީ ތ. އަތޮޅުގެ އިހްތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެމައްސަލައިގައި ޖޫންމަހު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވި ކަމަށާއި، ފުނައްޑޫ މަސް ފެކްޓްރީގެ މަރާމާތުގެ މަސައްކަތަށް ފައިސާ ބޭނުންވާ ކަމަށާއި، އެފައިސާ ހޯދުމަށް 2 މަސްދުވަސް ވާނޭ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ރިޔާޟް ވިދާޅުވެފައިވެއެވެ. ފިޝަރީޒް މިނިސްޓަރ އެގޮތަށް މަޖިލީހުގައި ވިދާޅުވެފައި ވީ ނަމަވެސް، އޭގެ ފަހުން 4 މަސްދުވަސް ފާއިތުވެފައި ވާއިރުވެސް އެފައިސާ ހޯދިފައި ނުވާ ކަމަށް 26 ސެޕްޓެމްބަރ 2022 ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ވެސް ރިޔާޟްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ރިޔާޟް އެދިވަޑައިގެންފައިވަނީ ފުނައްޑޫ މަސް ފެކްޓްރީ ގެ މަސައްކަތް އަލުން ފެށުމަށް މިފްކޯއާ ޙަވާލުކުރެވިފައިވާއިރު، އެ މަސައްކަތް ލަސްވާތީ މިފްކޯގެ ޒިންމާ މިކަމުގައި އަދާކުރައްވާތޯ ބައްލަވައިދެއްވުމަށެވެ. އޭގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ރިޔާޟް އެދިވަޑައިގެންފައިވަނީ ފުނައްޑޫ މަސް ފެކްޓްރީ ގެ މަސައްކަތް އަލުން ފެށުމަށް މިފްކޯއާ ޙަވާލުކުރެވިފައިވާއިރު، އެ މަސައްކަތް ލަސްވާތީ މިކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާކުރައްވާތޯ ބައްލަވައިދެއްވުމަށެވެ.