ނަގޮރްނޯ ކަރަބާޚްގެ މައްސަލާގައި އަރްމީނިއާގެ އަވަށްޓެރި އަޒަރުބައިޖާނާއެކު ދިގުދެމިގެންދާ ބޯޑަރުގެ ހަމަނުޖެހުންތަކެއް ހިނގަމުންދާއިރު، އިންޑިއާއިން އަރްމީނިއާއަށް މިސައިލް، އަދި ރޮކެޓާއި ވަޒަން އެކްސްޕޯޓް ކުރުމުގެ މުހިންމު ގަރާރެއްގައި ސޮއިކޮށްފި އެވެ. އަރްމީނިއާއަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓްތަކުގައި ދެ ސަރުކާރުން މިމަހުގެ ކުރީކޮޅު ވަސީ ސޮއިކޮށްފައެވެ.
އިންޑިއާއިން އެ ކޮންޓްރެކްޓްތަކުގެ އަގު ހާމަކޮށްފައެއް ނުވެއެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 2000 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ ހަތިޔާރު އަރްމީނިއާއަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް ލަފާކުރެވެ އެވެ. އިންޑިއާއިން ދަނީ ހަތިޔާރު އެކްސްޕޯޓްކުރުން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ސިޔާސަތު އިސްލާހުކޮށް، އިންޑިއާއިން ބޭރުގެ އޯޑަރުތައް ހޯދުމަށް އިރުޝާދުތައް ދީފައި ވެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރިގޮތުގައި އިންޑިއާއިން އަރްމީނިއާއަށް ފޮނުވާނީ މިހާރުވެސް އިންޑިއާ ސިފައިން ބޭނުން ކުރަމުންދާ ޕިނާކާ މަލްޓި ބެރެލް ރޮކެޓް ލޯންޗާތަކެވެ. އެއީ ފުރަތަމަ ފަހަރަށް އެކްސްޕޯޓް ކުރާ ހަތިޔާރެކެވެ. ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ފަރުމާކޮށްފައިވާ މި ހަތިޔާރަކީ އިންޑިއާގެ އަމިއްލަ އުފެއްދުމެކެވެ. އަދި މި ކޮންޓްރެކްޓްގައި އިންޑިއާއިން އަރްމީނިއާއަށް އެންޓި ޓޭންކް ރޮކެޓްތަކުގެ އިތުރުން ވަޒަން ފޯރުކޮށްދޭންވެސް ނިންމާފައި ވެއެވެ.
އިންޑިއާއިން ވަނީ 2020 ވަނަ އަހަރުވެސް ހަތިޔާރު ފޯރުވައިދީފައެވެ. އެފަހަރު ހަތަރު ސްވަތީ ރާޑަރު ފޯރުކޮށްދީފައި ވެއެވެ.
އިންޑިއާ ސިފައިންގެ ސްޕެސިފިކޭޝަންތަކަށް ފަރުމާކޮށްފައިވާ މި ރާޑަރުތަކަކީ ބޭރުން އަންނަ އާޓިލަރީ ޝެލްތަކާއި މޯޓަރުތަކާއި ރޮކެޓްތައް ޓްރެކްކޮށް، ދުޝްމަނުންގެ މިސައިލް ފޮނުވާ މަޤާމުތައް ދަނެގަނެ އެތަންތަނަށް ހަމަލަ ދިނުމަށް ބޭނުންކުރާ ރާޑަރެކެވެ. ޕާކިސްތާނާއި ޗައިނާގެ ބޯޑަރުތަކުގައި ވެސް މި ރާޑަރުތައް ވަނީ ކާމިޔާބުކަމާއެކު ބޭނުންކޮށްފަ އެވެ.
އިންޑިއާއިން ޑިފެންސް އެކްސްޕޯޓް އިތުރުކުރުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުން އަންނައިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ބޭރަށް 35،000 ކްރޯޑް ރުޕީސްގެ އިކުއިޕްމަންޓް ވިއްކުމަށް އަމާޒު ހިފާފައިވެއެވެ. މިދިޔަ އަހަރު އަހަރީ ޑިފެންސް އެކްސްޕޯޓް 13،000 ކްރޯޑް ރުޕީސްއަށް އަރާފައި ވެއެވެ.