ޖިއޮޕޮލިޓިކަލް ފައިދާތަކެއް ހޯދުމަށްޓަކައި ކޮންމެ ގައުމެއްގައި ވެސް ހުޅަނގުން ކުލައެއްގެ އިންގިލާބެއް އުފައްދާ ކަމަށް ތުހުމަތު ކުރައްވައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުޅަނގަށް ފާޑު ވިދާޅުވެއްޖެއެވެ. އަދި ހުޅަނގުން ވަނީ މިނިވަންކަމާއި އިންސާފުގެ ހަމަތަކާ ޚިލާފަށް އިންޑިއާފަދަ ގައުމުތަކުގެ މުއްސަނދިކަން ފޭރިގެންފައި ކަމަށްވެސް ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ހުޅަނގުން އެމީހުންގެ އިސްތިއުމާރީ ވަކިތައް ހިއްޕަން ފެށީ މެދު ތެރޭގެ އަހަރުތަކުގައި ކަމަށާއި އެއަށްފަހު އެކަން ފުޅާކުރުމަށް މީހުން އަޅުދާސްކޮށް އަޅުންގެ ވިޔަފާރި ފަށައި ނަސްލުތައް ނައްތާލައި އެމެރިކާގައި އަސްލު ވަޒަންވެރިން ނައްތާލުމަށް ޖެނޮސައިޑެއް ހިންގާފައިވާ ކަމަށެވެ.

އަދި އެފްރިކާއާއި އިންޑިއާ ބައްރު ފޭރިގަތުމާއި ޗައިނާއާ ދެކޮޅަށް އިނގިރޭސިވިލާތާއި ފްރާންސުން ކުރި ހަނގުރާމަތަކަށް އަލިއަލިއަޅުވާ ލައްވަމުން ޕޫޓިން ވިދާޅުވީ އެކަން ކުރުމުގައި ހުޅަނގުން ކާމިޔާބުވީ އާބާދީތައް ހުރިގޮތަށް މަސްތުވުމުގެ ވަބާގައި މީހުން ޖައްސައިގެން ކަމަށެވެ.

ރޮއިޓާޒްއިން ރިޕޯޓް ކުރިގޮތުގައި ޕޫޓިންގެ މި ތަގްރީރަކީ ކްރެމްލިންގެ ރަސްމިއްޔާތެއްގައި ސެއިންޓް ޖޯޖް ހޯލުގައި ދެއްވި ތަގްރީރެކެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ބިމާއި ވަސީލަތްތައް ފޭރިގަތުމަށް ޓަކައި ހުޅަނގުގެ ގައުމުތަކުން ވަނީ ޖަނަވާރުތަކެއް ފަދައިން މީހުން ޝިކާރަކޮށްފައެވެ. އަދި މި އަމަލުތަކަކީ އިންސާނީ ހަމަތަކާއި އިންސާފާއި މިނިވަންކަމާ ދެކޮޅަށް ކޮށްފައިވާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ހުޅަނގުން ތިބީ ކޮންމެ ގައުމެއްގައި ވެސް އިންގިލާބެއް އުފެއްދުމަށް ތައްޔާރަށް ކަމަށެވެ.

ހުޅަނގުން އަބަދުވެސް އޮންނަނީ ޖިއޮޕޮލިޓިކަލް ކުޅިއެއް ފެށުމަށް ތައްޔާރަށް ކަމަށާއި އަދި ކުލައިގެ އންގިލާބެއް ގެނަސް ކޮންމެ ގައުމެއްވެސް ކާރިސާއަކަށް ވައްޓާލަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހުރިހާ ކަމެއް އެއްފަހަރަށް ވުރެ ގިނަ ފަހަރު ފެނިފައިވޭ. އަޅުގަނޑުމެންނަށް ވެސް އެނގޭ ހުޅަނގުން ސީއައިއެސް (ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް) ސަރަހައްދުގައި އާ ކޯޅުންތައް އުފެއްދުމަށް ސިނާރިއޯތަކެއްގައި މަސައްކަތްކުރާތަން." އޭނާ އިތުރަށް ވިދާޅުވި އެވެ.

ހުޅަނގަށް ބވަރުގަދަ ހަހމަލާތަކެއް އަމާޒުކުރެއްވި އެ ތަގްރީރުގައި ޕޫޓިން ވަނީ ރަސްމީކޮށް ޔުކްރެއިންގެ ހަތަރު ސަރަހައްދެއް ކަމަށްވާ ޑޮނެސްކް، ލުހަންސްކް، ކާރސަން އަދި ޒަޕޮރީޒިއާ އެއްކޮށްލިކަން އިއުލާންކުރައްވާފައެވެ. އަދި އެއީ އެތައް މިލިއަން ބައެއްގެ އެދުމެއް ކަމަށްވެސް ޕޫޓިން ސިފަ ކުރެއްވިއެވެ.