މިމަހުގެ 3-7 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ ކެރަމް ވޯލްޑް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ކެރަމް ގައުމީ ޓީމު މިއަދު ހެނދުނު އެގައުމަށް ފުރައިފިއެވެ.

ނަވާރަ ގައުމަކުން 250 ކުޅުންތެރިން މިފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާއިރު ރާއްޖެއިން ވަނީ މުބާރާތަށް ތައްޔާރު ވުމަށް ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ޅ.ހިންނަވަރާއި މެދުފުށި ރެޒޯޓުގައި ދެކޭމްޕް ފުރިހަމަ ކޮށްފައެވެ. މީގެ ތެރެއިން ހިންނަވަރުގައި ކޭމްޕް ކުރިއަށް ގެންދިޔައީ 2012 ވަނަ އަހަރު ކެރަމް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ލަންކާގެ ނިޝާންތަ ފެނާންޑޯގެ އިރުޝާދުގެ ދަށުންނެވެ.

ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުހައްމަދު މުންތަސިރު އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އާމިނަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.

އެންމެފަހުން ކެރަމް ވޯލްޑް ކަޕް ބާއްވާފައި ވަނީ 2018 ވަނަ ދެކުނު ކޮރެއާގައެވެ. އެފަހަރު ރާއްޖޭގެ އަންހެން ކެރަމް ގައުމީ ޓީމުން ވަނީ ސެކަންޑް ރަނައަރޕްކަން ހޯދާފައެވެ.