މިއަހަރު ކުރީކޮޅު ބަގާވާތަކުން ރައީސްކަން ހޯދި ބުރްކީނާ ފާސޯގެ ކުރީގެ ލެފްޓިނެންޓް ކާނަލް ޑެމީބާގެ ވެރިކަން، ސިފައިން ނިކުމެ ރޭ ވައްޓާލައިފިއެވެ.

ރަޝިޔާގެ މަދަދާއެކު މިއަހަރު ޖެނުއަރީމަހު ވެރިކަމަށް އައި ޑުމީބާއަށް ވެރިކަމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ހަނގުރާމަވެރިންނާ ދެކޮޅަށް އެކަށީގެންވާ ކުރިއެރުންތަކެއް ނުހޯއްދެވުމެވެ. ސިފައިންގެ ލަޝްކަރުތަކުން ޑަމީބާއާ ދެކޮޅަށް ކެކިއުތުރި އަރަން ފެށީ ފާއިތުވެދިޔަ ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި ހަނގުރާމަވެރިން ދިން ތަފާތަކު އެކި ހަމަލާތަކުގައި ސިފައިންގެ ތެރެއިން އެތައްބަޔަކު މަރުވުމުންނެވެ. ސިފައިންގެ 150 އުޅަނދު ދަތުރު ކުރަމުން ދަނިކޮށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ 11 ސިފައިން މަރާލާފައެވެ.

ބުރްކީނާފާސޯގެ ވެރިރަށުގައި ބަޑީގެ އަޑުފައްގަނޑު މިދިޔަ ހުކުރު ދުވަހު އިވުނުއިރު ޑެމީބާ ވަނީ ރައްޔިތުން ހިމޭން ކަމުގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ. އެކަމަކު އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުންނާއި ސިފައިންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނިކުމެ ރެޔާއި ހަމައަށް ދިޔައީ އެކިވަރުގެ ހަމަނުޖެހުންތައް ހިންގަމުންނެވެ.

ޑެމީބާގެ ހާލު ކޮޅާއި ގުޅޭ ގޮތުން އަދި އޭނާ ވަޑައިގަތްތަނަކާ ގުޅޭ ގޮތުން މިހާތަނަށް އަސްކަރިއްޔާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ބުރްކީނާފާސޯގެ ހާލަތު ގޯސްވުމާއި ގުޅިގެން އެމެރިކާއިން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ ހުރިހާ ފަރާތްތަކަކުންވެސް ސުލްހަ އިސްކުރުމަށާއި ހިމޭންކަން އިހްތިޔާރު ކުރުމަށް ގޮވާލާކަމަށެވެ.

ޑެމީބާ ރައީސްކަމުން ދުރުކޮށް ވަގުތީ ގޮތުން ގައުމު ހިންގުމާ ހަވާލުވެފައި ވަނީ ސިފައިންގެ ކެޕްޓަނެއްގެ ގޮތުގައި ހުރި އިބްރާހިމް ޓްރައޮރޭއެވެ.