އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކުވައިތު އަތުން 6-0 އިން ބަލިވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ކިންގް ސައުދުބިން ޖަލާވީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ކުވައިތަށް ރާއްޖެ ކޮޅަށް ޖެހުނީ 2 ލަނޑެވެ. ފިޒިކަލީ ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ވަރުގަދަ ކުވައިތުން ފުރަތަމަ ހާފުގައި ކުޅެން މަސައްކަތް ކުރީވެސް ފިޒިކަލް ގޭމެކެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ވަނީ ޑިސިޕްލިން ޑިފެންސިވް ގޭމެއް ވަރަށް ރަނގަޅަށް ފުރަތަމަ ހާފުގައި ކުޅެފައެވެ.
ދެވަނަ ހާފްވެސް ރާއްޖެއިން ފެށީ ވަރަށް ރަނގަޅަށެވެ. ފުރަތަމަ ފަނަރަ މިނެޓް ތެރޭގައި ކުވައިތަށް ލަނޑެއް ޖެހުނަ ނުދީ ރާއްޖޭގެ ޒުވާން ކުޅުންތެރިން ހިފެހެއްޓިއެވެ. އެކަމަކު ރާއްޖޭ ކުޅުންތެރިންނަށްވުރެ ފިޒިކަލީ ވަރުގަދަ ވުމުގެ ފައިދާ ނަގައި ދެވަނަ ހާފުގައި ކުވައިތުން ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހިއެވެ. ކުވައިތުން ދެވަނަ ހާފުގައި ލަނޑުތައް ކާމިޔާބު ކުރީ 60 ވަނަ މިނެޓާއި 67 ، 74 އަދި 78 ވަނަ މިނެޓުގައެވެ.
ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ކުރިއަށް އޮތް ހޯމަ ދުވަހު ބައްދަލު ކުރާނީ އަވައްޓެރި އިންޑިޔާއެވެ. މިގްރޫޕުގައި ދެން ހިމެނެީ ސައުދީ އަރަބިއްޔާ އާއި މިޔަންމާއެވެ.
ކޮލިފިކޭޝަނުގައި 44 ގައުމަކުން ވާދަކުރާއިރު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިޔަން ކަޕަށް ކޮލިފައިވާނީ 16 ގައުމެވެ. އަދި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާ 4 ގައުމަށް އަންނަ އަހަރު ޕެރޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ލިބޭނެއެވެ.