ޕެސިފިކް ޖަޒީރާތަކުގެ ލީޑަރުންނާއެކު އެމެރިކާއިން ބޭއްވި ސަމިޓުގައި އެމެރިކާއިން ވަނީ މުސްތަގުބަލަށް ޕާޓްނަޝިޕެއް ހެދުމަށް އެއްބަސްވެފައެވެ. މިއީ ޗައިނާގެ ނުފޫޒު ފުޅާވަމުންދާ ސަރަހައްދަށް ޑޮލަރުގެ ބޮޑު އެހީތެރިކަމެއް ދިނުމަށް ހުޅުވާލި ފުރުސަތެކެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ދެ ދުވަހުގެ ސަމިޓުގައި ޕެސިފިކް ޖަޒީރާތަކަށް އެހީތެރިވުމަށް 860 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ބައިޑަންގެ ސަރުކާރުން އިއުލާން ކުރާނެ ކަމަށެވެ.

ވައިޓް ހައުސްއިން ފަންޑުގެ އަދަދާ ބެހޭ ގޮތުން ތަފްސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ޒިޔާރަތްކުރި ހުރިހާ ލީޑަރުން ގުޅިފައިވާ ބަޔާނަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އެފަރާތްތަކުން ވަނީ 11 ނުގުތާގެ ބަޔާނަކަށ ްއެއްބަސްވެ ވަޑައިގެންފައެވެ.

އޭގެ ތެރޭގައި ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރު މަނަސޭ ސޮގަވަރޭ ވެސް ހިމެނި ވަޑައިގަންނަވައެވެ. ކުރިން އެއިއުލާންގައި ސޮއި ނުކުރައްވާނެ ކަމަށް މީގެ ކުރިން ސޮލޮމަން ސަރުކާރުން އިޝާރާތްކޮށްފައިވާއިރު، ޗައިނާއާ އެ ގައުމާ ދެމެދު އޮންނަ ގުޅުމާ މެދު އިތުރު ކަންބޮޑުވުންތަކެއް އުފެދެ އެވެ. ސޮގާވަރޭގެ ތަރުޖަމާނު އެކަމާ މެދު އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.