އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަނުން ކުޅޭނެ ގޮތް ލަފާކޮށްލަންވެސް ނޭނގުނު ކަމަށާއި އެހެންވެ މެޗަށް އެންމެ ފުރިހަމައަށް ތައްޔާރު ނުވެވުނު ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ދެލަނޑު ޖެހީވެސް ބްރައިޓަނުންނެވެ. މިދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ބްލްޖިއަމްގެ ފޯވާޑް ލިންދްރޯ ޓްރޮއްސާޑެވެ. އެކަމަކު ލިވަޕޫލުން ފަހަތުން އަރައި 3 ލަނޑު ޖަހައި ލީޑް ނެގިއެވެ. ލިވަޕޫލްގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓް ފިރްމީނޯއެވެ. އަނެއް ލަނޑަކީ ބްރައިޓަންގެ އެޑަމް ވެބްސްޓަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލިވަޕޫލް މޮޅުވާން ދަނިކޮށް ބްރައިޓަނުން އެއްވަރު ކުރީ 83 ވަނަ މިނެޓުގައި ޓްރޮއްސާޑް ހެޓްރިކް ފުރިހަމަ ކުރި ލަނޑުންނެވެ. މިއީ 2009 ވަނަ އަހަރު އާސެނަލްގެ އަންދްރޭ އަރްޝަވިން، ލިވަޕޫލްގެ އެންފީލްޑުގައި އެޓީމު ކޮޅަށް ހެޓްރިކް ހެދި ފަހުން އެހެން ކުޅުންތެރިޔަކު މިދަނޑުގައި ލިވަޕޫލް ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ބްރައިޓަނުން ކުޅޭނީ ކިހިނެއްކަން ވަޒަންކޮށްލަންވެސް ނޭނގުނު ކަމަށެވެ. "ތެދައް ބުނަންޏާ ބްރައިޓަނުން ކުޅެފާނެ ގޮތަކަށް އަހަރެމެންނަކަށް ތައްޔާރެއް ނުވެވުނު. އަހަރެމެންގެ ކުޅުންތެރިންގެ ކޮންފިޑެންސް ލެވެލް ހުރީވެސް އެންމެ ހިތްހަމަ ޖެހޭ ހިސާބުގައެއް ނޫން. މިއަށްވުރެ ރަނގަޅަށް ކުޅުންތެރިންނަށް ކުޅެވެން ވާނެ" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ކޮޅަށް ވަން ތިންލަނޑުގައިވެސް ފެނުނީ އެޓީމުގެ ޑިފެންސްލައިނުގެ މައްސަލަތަކެވެ. ޑިފެންޑަރު ވާޖިލް ވެންޑައިކާއި ޓްރެންޓް އާނޯލްޑުގެ ކުޅުން މިމެޗުގައި ފެނުނީ ވަރަށް އާދައިގެ ކޮށެވެ.
މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލިވަޕޫލް އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ. ބްރައިޓަން 4 ވަނައިގައި އޮތީ 14 ޕޮއިންޓާއެކުއެވެ.