އިނގިރޭސި ޕްރިމިއަރ ލީގުުގެ މަޝްހޫރު ނޯތު ލަންޑަން ޑާބީގައި ރޭ ޓޮޓެންހަމް އަތުން 3-1 އިން މޮޅުވުމުގައި ސަޕޯޓަރުން ދިން ތަރުހީބު ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަމަށާއި މިކަމަށްޓަކައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނެފިއެވެ.
އާޓެޓާ ބުނީ އާސެނަލްގެ ކޯޗް ކަމާ އޭނާ ހަވާލުވިފަހުން އެއްވެސް މެޗެއްގައި ސަޕޯޓަރުންގެ ފަރާތުން މިވަރުގެ ތަރުހީބެއް އޭނާ ނުދެކޭކަމަށެވެ. "ޓޮޓެންހަމް އަތުން މުހިއްމު މޮޅެއް މިހޯދުނީ ސަޕޯޓަރުންގެ ސަބަބުންނޭ ބުނެވޭނީ. އާސެނަލް އާއި އާސެނަލްގެ ސަޕޯޓަރުން ގުޅިފައި ތިބި މިންވަރު މިމެޗުގައި ފެނިގެންދިޔައީ ހަގީގަތުގައި. އާސެނަލްއާ އަހަރެން ހަވާލުވިފަހުން އެންމެވަރުގަދަ ސަޕޯޓެއް ފެނުނު މެޗު މިއީ" ކުރިން އާސެނަލްގެ ކެޕްޓަންކަންވެސް ކުރި އާޓެޓާ ބުންޏެވެ.
މީގެ އިތުރުން އާޓެޓާ ބުނީ "ޓޮޕް 6" ގައި ހިމެނޭ ޓީމެއް އަތުން 3 ޕޮއިންޓް ހޯދަން ފަސޭހަ ނުވާނެކަން ގަބޫލް ކުރާކަމަށެވެ. "އަހަރެމެން ލީޑުގައި އޮއްވައި ޓޮޓެންހަމްއިން އެއްވަރު ކުރުމުން މެޗުގެ އޮއިވަރު ކޮންމެ ގޮތަކަށްވެސް އެނބުރިދާނެ ކަމަށް ގަބޫލް ކުރިން. އެއީ ޓޮޓެންހަމްގެ ފޯވާޑް ލައިނުގައިވެސް އެތިބީ ދުނިޔޭ ފެންވަރުގެ ތަރިން. އެކަމަކު އަހަރެންގެ ގޭމް ޕްލޭނާމެދު އިތުބާރު އޮތް އަދި ކުޅުންތެރިންގެ މޯޓިވޭޝަނާމެދު ހިތްހަމަ ޖެހިގެން ހުރީ" އާޓެޓާ ބުންޏެވެ.
މިމެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ތޯމަސް ޕާޓޭއެވެ. އޭނާ މިލަނޑު ޖެހީ އާސެނަލް ކުޅުންތެރިން ޖުމްލަ 22 ޕާސް ޖެހުމަށްފަހުއެވެ. އާޓެޓާ ބުނީ މިއީ އޭނާ ކުޅުވަން ބޭނުންވާ ސްޓައިލް ކަމަށެވެ. "އަވަހަށް ގޯލު ޖަހަން އަހަރެން ބޭނުން. ކޮންމެ ދުވަހަކު ޕްރެކްޓިސް ކުރަނީ މިކަމަށް" ޕާޓޭގެ ލަނޑާއި ގުޅޭ ގޮތުން އާޓެޓާ ބުންޏެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނީ ޕާޓޭ ޖެހި ލަނޑަކީ ކުޅުންތެރިން އެނގިގެން ރާވައިގެން ޖެހި ލަނޑެއް ކަމަށެވެ. އާސެނަލްގެ އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސް އާއި ގްރަނިތު ޝަކާއެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިމެޗުގައި ކޭން ޖެހި ލަނޑަކީ ޕްރިމިއަރ ލީގުގެ ތާރިހުގައި އަވޭގައި އޭނާ ކާމިޔާބު ކުރި 100 ވަނަ ލަނޑެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި ރެކޯޑެކެވެ.
މިމެޗުން މޮޅުވެ އާސެނަލް އެއްވަނަ މަގާމުގައި އޮތީ 21 ޕޮއިންޓާއެކުއެވެ. ޓޮޓެންހަމް 3 ވަނައިގައި އޮތީ 17 ޕޮއިންޓާއެކުއެވެ.