އިންޑިއާއިން ބުނަނީ ފުރަތަމަ ތިން ސިނާއީ އިންގިލާބުގެ ފައިދާ އިންޑިއާއަށް ނުލިބ ދިޔަނަމަވެސް ހަތަރުވަނަ ސިނާއީ އިންގިލާބުގެ ފުރިހަމަ ފައިދާ އިންޑިއާއަށް ލިބޭނެ ކަމަށެވެ. އަދި އިންޑިއާއިން އެ އިންގިލާބު ލީޑްކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއެވެ.

އިންޑިއާގައި 5ޖީގެ ހިދުމަތް ތައާރަފްކޮށް އެޚިދުމަތް ދޭންފެށި ފުރަތަމަ ކުންފުންޏަކީ އެއާޓެލްއެވެ. އިންޑިއާގެ މޮބައިލް ޚިދުމަތްދޭ ދެވަނަ ކުންފުނި ރިލަޔަންސް ޖިއޯ އިން ވެސް ބުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޑިއާގެ ކޮންމެ ހިސާބަކަށްވެސް އަލްޓްރާ ހައިސްޕީޑް އިންޓަނެޓް ކަނެކްޓިވިޓީ ފޯރުކޮށްދޭ 5ޖީ ޓެލެފޯނީގެ ހިދުމަތް އެކުންފުނިން ފުޅާކުރާނެ ކަމަށެވެ.

އިންޑިއާހގެ 5ޖީ ޓެކްނޮލޮޖީއަކީ އެގައުމުގެ އަމިއްލަ އުފެއްދުމެކެވެ. އިންޑިއާއިން ވަނީ ޗައިނާގެ އުފެއްދުންތައް 5ޖީގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.

އިންޑިއާގެ ސެލިއުލަރ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް އިންޑިއާ (ސީއޯއޭއައި) އިން އިންތިޒާމްކުރި ހަވަނަ އިންޑިއާ މޮބައިލް ކޮންގްރެސް (އައިއެމްސީ) 2022 ގައި ތަގްރީރު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި 5ޖީ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ހަމައެކަނި އަވަސް އިންޓަނެޓް ލިބޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އެއިން މީހުންގެ ދިރިއުޅުމގެ ފެންވަރަށް ބަދަލުތައް އަންނާނެއެވެ.

މޮބައިލް ޑޭޓާގެ އަގު އިންޑިއާގައި އުޅެނީ ދުނިޔޭގައި ހުރި އެންމެ ދަށް އަގުތަކުގެ ތެރޭގައެވެ. އެއީ ޖީބީއަކަށް އިންޑިއާގެ 300 ރުޕީސްއިން 10 ރުޕީސްއަށް ވެއްޓިފައެވެ.

މޮދީ ވިދާޅުވިގޮތުގައި އިންޑިއާއިން ބަލާފައި ވަނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ޚިދުމަތް ދޭށެވެ.

މަހަކު އެވްރެޖްކޮށް 14 ޖީބީގެ ޑޭޓާ ބޭނުންކުރާ މިންވަރަށް ބަލާއިރު، ޑޭޓާގެ އަގު 4،200 ރުޕީސްއިން އިން 125ން150 އަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.