ސްޕެނިޝް ލަލީގާގައި މިސީޒަނުގައި ޗެމްޕިއަން ރެއާލް މެޑްރިޑުން ހުރިހާ މެޗަކުން މޮޅުވަމުންދިޔަ ސިލްސިލާއަށް ރޭ ރެއާލް ސަޕޯޓަރުން ކުރިމަތީގައި އޮސަސޫނާއިން ނިމުން ގެނެސްފިއެވެ.

ރެއާލް އާއި އޮސަސޫނާ ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ރެއާލްއިންނެވެ. ކަރީމް ބެންޒެމާ އާއި އެންޓޯނިއޯ ރުޑިގާ އޭރިޔާ ތެރޭގައި ތިބުމުން އެދެކުންތެރިންނަށް ވިނީޝިއަސް ޖޫނިއަރ އޭރިޔާގެ އަރިމަތިން ނަގައިދިން ހުރަސް އޮސަސޫނާގެ ކީޕަރަށް ދިފާއު ނުކުރެވި ގޯލުގެ ތެރެއަށް ވަނީއެވެ.

ދެވަނަ ހާފް ފަށައިގެން 5 ވަނަ މިނެޓުގައި އޮސަސޫނާއިން އެއްވަރު ކުރީ ކިކޭ ގާސިއާ (ފޮޓޯ) ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. މިލަނޑު އޭނާ ޖެހީ ރެއާލްގެ ހާފުގެ މެދަކާ ހިސާބުން ޑިފެންޑަރު އުނައި ގާސިއާ ރެއާލްގެ އޭރިޔާގެ ތެރެއަށް ހުރަސްކުރި ބޯޅަ، ގޯލަށް ފުރަގަސްދީގެން ހުރެ ރެއާލްގެ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން މެޗް ފޯރިގަދަ ވެގެންދިޔައީ 75 ވަނަ މިނެޓުގައި، ބެންޒެމާއަށް އޭރިޔާގެ ތެރެއިން ފައުލް ކުރިކަމަށް ބަލައި އޮސަސޫނާގެ ޑިފެންޑަރު ޑޭވިޑް ގާސިއާ ރަތްކާޑް ދަނޑުން ފޮނުވާލުމާއި އަދި ބެންޒެމާ ފޮނުވާލި ޕެނަލްޓީ މަތީ ދަނޑީގައި ޖެހި ދިޔައީ ބޭރަށެވެ. އޭގެ ދެމިނެޓް ފަހުން ބެންޒެމާ ލަނޑެއް ޖެހިވެސް މެއެވެ. އެކަމަކު ރެފްރީ ނިންމީ ބެންޒެމާ އޮފްސައިޑް ކަމަށެވެ.

މެޗުގެ ފަހު 15 މިނެޓް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އޮސަސޫނާއިން ކުޅުނީ ޑިފެންސަަށް އިސްކަން ދީގެންނެވެ. ފަހު ފަނަރަ މިނެޓުގައި ވިނީޝިއަސް އޭރިޔާގެ ބޭރުން ގޯލުގެ ކަނަށް ފޮނުވާލި ބާރު ހަމަލާއެއް އޮސަސޫނާގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއު ކުރިއެވެ.

މެޗް އެއްވަރު ވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ކުޅިބަލަން ތިބި ބާސެލޯނާއަށެވެ. ރެއާލް އާއި ބާސެލޯނާވެސް ލީގުގައި މިހާތަނަށް 7 މެޗް ކުޅެފައިވާއިރު ދެޓީމަށްވެސް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ބާސެލޯނާއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ބާސެލޯނާ ކޮޅަށް 7 މެޗުގައި ވަދެފައި ވަނީ 1 ލަނޑެވެ. އެޓީމުން 19 ލަނޑު ކާމިޔާބު ކޮށްފައެވެ. ހަތް މެޗުގައި ރެއާލް ކޮޅަށް 7 ލަނޑު ވަދެފައިވާއިރު ޖެހިފައި ވަނީ 18 ލަނޑެވެ.