ވާދަވެރި މެންޗެސްޓަރ ސިޓީ އަތުން 6-3 ގެ ބޮޑު ތަފާތަކުން ރޭ ބަލިވި މެޗުގައި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނޭރުވީ، މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުމުން ކަމަށާއި އެފަދަ ހާލެއްގައި ރޮނާލްޑޯ ދަނޑަށް އެރުވައިގެން އޭނާއަށް އިހްތިރާމް ކުޑަކޮށްލަން ބޭނުން ނުވީ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އެރިކް ޓެން ހާގް ބުނެފިއެވެ.
ރޮނާލްޑޯއަށް ސިޓީއާ ދެކޮޅަށް ކުޅެން ފުރުސަތު ނުދިނުމުން ޔުނައިޓެޑުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޓެންހާގް ބުނީ ރޮނާލްޑޯއަކީ ކާމިޔާބު ދިގު ކެރިޔަރެއް ހޭދަކޮށްފައިވާ ކުޅުންތެރިއެއް ކަމަށާއި އެފެންވަރުގެ ކުޅުންތެރިޔަކަށް އިހްތިރާމް ދޭނެ ކަމަށެވެ.
ރޮނާލްޑޯގެ ބަދަލުގައި ދެވަނަ ހާފުގައި ޓެންހާގް ފުރުސަތު ދިނީ ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއަލްއަށެވެ. އޭނާ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ދެލަނޑުވެސް ޖެހިއެވެ.
ރޮނާލްޑޯއަށް ސިޓީއާ ދެކޮޅަށް ކުޅެން ފުރުސަތު ނުދިނުމުން އެންމެ ބޮޑަށް ޓެންހާގަށް ފާޑުކީ ކުރީގެ ކެޕްޓަން ރޯއީ ކީންއެވެ. ކީން ބުނީ ޔުނައިޓެޑް މިހާރު އޮތް ހާލަތަށް ބަލާއިރު ރޮނާލްޑޯ ބެންޗުގައި ބައިންދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. "އަހަންނަށް މިހާރު މިފެންނަ މަންޒަރަކީ ޔުނައިޓެޑުން ރޮނާލްޑޯއަށް ބޭއިހްތިރާމް ކުރަމުންދާ މަންޒަރު. އެނޫން މަންޒަރެއް ނުފެނޭ" ދަނޑުމަތީގައި ރުޅި ގަދަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރު ކީން ބުންޏެވެ.