ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި އިންޑިޔާ އަތުން ރާއްޖެ 5-0 އިން ބަލިވެއްޖެއެވެ.
އިންޑިޔާ ރާއްޖޭގެ ގޯލު ފޫއަޅުވާލައި ލީޑް ނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަންލާލް ޕެކާ ގުއެޓޭއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަލްމިންގްޗުއަންގާ ފަނާއެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ކެޓޭކް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމުގެ ސަބަބުން އެއްޓެމްޕޯއެއްގައި ބޯޅަ ހިފަހައްޓައިގެން ކުޅެން އުނދަގޫވިތަން ފެނިގެންދިޔައެވެ. ރާއްޖެއަށްވުރެ ފިޒިކަލީ މާބޮޑަށް ވަރުގަދަކޮށް ފެންނަމުން ދިޔައި އިންޑިޔާއިން ތިންވަނަ ލަނޑު ރާއްޖެ ކޮޅަށް ޖެހީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަމަންއެވެ. އިންޑިއާގެ ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބޮބީ ސިންގްއެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އިންޑިއާގެ ފަހު ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފީނިކްސް އޮއިނަމްއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވީ 6-0 އިންނެވެ. ރާއްޖެއަށް ކުރިއަށް އޮތީ ގްރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވޭ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ ފުލުގައި ގެއްލުން 11 ލަނޑާއެކު އޮތީ ރާއްޖެއެވެ. ރާއްޖޭގެ އިތުރުން މިޔަންމާއަށްވެސް ޕޮއިންޓެއް ނުލިބެއެވެ. މިޔަންމާށް އޮތީ ގެއްލުން 7 ލަނޑެވެ. މިގްރޫޕުގެ 1 ވަނައިގައި އޮތީ ދެ މެޗުންވެސް މޮޅުވެ ކުވައިތެވެ. ދެވަނައިގައި ސައުދި އަރަބިއްޔާ އާއި ތިންވަނައިގައި އޮތް އިންޑިއާއަށް ތިން ޕޮއިންޓް ވަނީ ލިބެފައެވެ. މިއިން ކޮންމެ ގައުމެއްވެސް މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ.