ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ގެއްލިފައި ނުވާނެ ކަމަށާއި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަންނަ ހަފުތާގައި ދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިރޭ ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާއެއް ގެއްލިފައި ނުވާކަމަށް ޖަވާ ވިދާޅުވީ އެފްއޭއެމްގެ ރަސްމީ މީޑިޔާ ގްރޫޕުގައެވެ. ޖަވާ މިގޮތަށް ވިދާޅުވީ، މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގައުމީ ޓީމަށް ދެއްވި 1.2 މިލިޔަން ރުފިޔާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެކި ނޫސްތަކުގައި ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ޖަވާ ވިދާޅުވީ ގައުމީ ޓީމަށް އުއްޗު ދެއްވި ފައިސާ ގެއްލިފައިނުވާ ކަމަށެވެ. އުއްޗު ގައުމީ ޓީމަށް ފައިސާގެ ބޮޑު އިނާމް ދެއްވީ، އޭނާގެ ދައުވަތަކަށް ކުރެއްދޫ އައިލެންޑް ރެޒޯޓުގައި ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހުއެވެ.

މިމެޗަށް އުއްޗުގެ ކުރެއްދޫގެ ފަރާތުން ހުށަހެޅީ ފަސް ލައްކަ ރުފިޔާއެވެ. މީގެ އިތުރުން ފައިސާ ހުށަހެޅީ އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި, ދިރާގުން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ޖަވާ ވިދާޅުވީ މިފައިސާގެ ތެރެއިން ނުލިބެނީ ވިލާއިން ދޭންޖެހޭ ފައިސާ އެކަނި ކަމަށެވެ.

ޖަވާ ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް ބެހުމަށް އެފްއޭއެމްއަށް މިހާރު ލިބިފައި ހުރި ފައިސާއަށް ބަލާއިރު، މިހާރު ލިބިފައި ހުރި ފައިސާ ބަހައިފިނަމަ ކޮންމެ ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށް 40،000 ރުފިޔާ ލިބޭނެއެވެ.