ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ، ބޭއްވި ފަންޑް ރެއިޒިންގ ގާލާ ޑިނަރގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އެވޯޑްސް" 3 ބޭފުޅަކަށް ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަނީ މި އެވޯޑް އިތުރު 3 ފަރާތަކަށް ޙަވާލުކޮށްދެއްވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފޫހުން މައުލޫމާތު ދެއްވިއެވެ.

ރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ "އެވެއަރނަސް ކެމްޕެއިން" އިފްޠިތާޙްކޮށްދެއްވައި، މި ޙަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް" ގެ ނަމުގައި ހިންގި ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ޙަރަކާތެކެވެ. އަދި މި ޙަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސަރ ސްކްރީނިންގ ހެދުމަށާއި، ކުރިޔާލާ ކެންސަރު ބަލި ދެނެގަނެވޭނެ ޢަލާމާތްތަކާގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިންގ އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށެވެ.