އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވެފައިވަނީ އެކަން އެގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީ ކަމަށެވެ.

ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ގޯތިލިބި މިހާތަނަށް ގޯތި ރަޖިސްޓަރީ ނުކުރެވިވާ ފަރާތްތަކުން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ގޯތީގެ އިންވަކިކޮށް ރަޖިސްޓަރީކޮށް ނިންމެވުމަށް ސިޓީކައުންސިލުން ވަނީ އެފަދަ ގޯތިތަކުގެ ވެރީންނަށް އަންގަައި އިއުލާން ކޮށްފައެވެ.

"ދިރިއުޅުމުގެ ބޭނުމަށާއި އެނޫން ބޭނުންތަކަށް ދީފައިވާ ބިންބިމުގައި އެކަމަކަށް ކަނޑައަޅައިފައިވާ އުސޫލަކުން ހުންނަންވާނީ އިންފާރު ވަކިވާނެ ގޮތަށް ފުޅަށް އަޅައި ނުވަތަ ފާރު ރާނައިފައި" ކަމަށް މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާއިދާ ހަވާލާދީ އެކައުންސިލުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން ގޯތިލިބި މިހާތަނަށް ގޯތީގެ މަގުފާރާއި އިންފާރު ނުރާނާ ފަރާތްތަކުން 31 މާރިޗް 2023 ގެ ނިޔަލަށް ވަށާ މަގުފާރާއި އިންފާރުރާނާއި ނިންމެވުމަށް ވެސް ވަނީ އަންގަވައިފައެވެ.

މަގުމަތި ކުނިކެހުމާއިބެހޭ ޤަވާއިދު 4 ގެ (ހ) އާ ހަވާލާދީ ސިޓީކައުންސިލުން ވިދާޅުވެފައިވަނީ "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅީމަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެ،" ކަމަށެވެ. ސާފުތާހިރު ވެށްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކާ ހުޅުދޫ އަވަށުގައި ބެލެހެއްޓުންތެރި ކަމެއްނެތި ދޫކޮއްލެވިފައިވާ ހުރިހާ ގޯތިތައް ސާފުކޮށް ދެއްވުމަށް އެދި އެގޯތިތަކުގެ ވެރިފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ސިޓީކައުންސިލުން ވަނީ އާންމު އިއުލާނަކުން އަންގަވައިފިއެވެ.