މިހާރު ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި އޮސްޓްރޭލިޔާއިން ނޯތު މެރިއާނާ އައިލެންޑްސް އަތުން މިއަދު 23-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

އޮސްޓްރޭލިޔާއިން ފުރަތަމަ މިނެޓުގައި ލަނޑު ޖަހަން ފެށިގެ ގޮތަށް ފުރަތަމަ ހާފް ހިންދެމެލީ 10 ލަނޑު ޖެހުމަށްފަހުއެވެ. އަނެއް 13 ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. އޮސްޓްރޭލިޔާއަށް މިމެޗުގައި އިރަކުންޑާ 5 ލަނޑު ކާމިޔާބު ކޮށްދިނެވެ. ގްލަސަން ހަތަރު ލަނޑު، އަދި ހޭޓްލީ ތިން ލަނޑު ކާމިޔާބު ކޮށްދިނެވެ. ނޯތު މެރިއާނާ އައިލެންޑްސް ކުޅުންތެރިން އަތުން ބައިކޮޅަށް 1 ލަނޑު ވަނެވެ.

ކޮލިފިކޭޝަނުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކެމްބޯޑިއާ އަތުން ޗައިނާ މޮޅުވީ 9-0 އިންނެވެ. ބްރޫނާއީ އަތުން އުޒްބެކިސްތާން 14-0 އިން މޮޅުވިއިރު، ޗައިނީސް ޓައިޕޭ އަތުން ވިއެޓްނާމް މޮޅުވީ 5-0 އިންނެވެ.

ރާއްޖެއާ އަވައްޓެރި ގައުމުތަކުގެ ނަތީޖާތަކަށް ބަލާއިރު، ތައިލެންޑް އަތުން މިރޭ ނޭޕާލް ބަލިވީ 3-0 އިންނެވެ. ސިންގަޕޫރު އަތުން ބަންގްލަދޭޝް 2-1 އިން ބަލިވީ މެޗުގެ އެންމެ ފަހު ވަގުތުގައެވެ. ޔަމަން އަތުން ބޫޓާން ބަލިވީ 8-0 ގެ ބޮޑު ތަފާތަކުންނެވެ.