އީރާނުގެ ޒުވާނުން ބާއްވަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ބައެއް ސިޓީތަކުގެ ޔުނިވާސިޓީތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. މިމުޒާހަރާތަކަކީ އީރާނުގެ ޝީއީ އިމާމިއްޔާ ލީޑަރުންނަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އީރާންގައި 1979 ވަނަ އަހަރު އުފެދުނު އިސްލާމީ ޖުމްހޫރިއްޔާ ވައްޓާލުމަށްވެސް މުޒާހަރާ ކުރާ ފަރާތްތަކުން ގޮވަމުން ދެއެވެ.

މީސްމީޑިއާގައި ވީޑިއޯތަކުން ފެންނަ ގޮތުގައި ތެހެރާނުގެ ހައި ސްކޫލްގެ އަންހެން ކުދިން ބުރުގާ ނަގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ މަރަށް ގޮވާފައި ވެއެވެ.

މުޒާހަރާތައް ހޫނުވެފައި ވަނީ އުމުރުން 22 އަހަރުގެ މާޝާ އަމީނީ ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބަންދުގައި އޭނާ މަރުވުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ އީރާންގެ އާންމު އަދަބާއި އަޚުލާގު ނެގެހެއްޓުމަށް މަސައްކަތް ކުރާ ފުލުހުންނެވެ.

އީރާނގެ 31 ޕަރޮވިންސެއްގައި ހިނގަމުންދާ ހަފްތާއަކަށް ދެމިގެން ގޮސްފައިވާ މުޒާހަރާތަކާ ގުޅިގެން 700 އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ. އަދި 35 އަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އީރާންގެ ރޫހާނީ ލީޑަރު އަލީ ޚަމަނާއީވެސް މި ދުވަސްކޮޅު އުޅުއްވަނީ އާލަށްކަންފުޅާއެވެ. އަދި އޭނާ އަވަހާރަވެއްޖެނަމަ އިމާމަކަށް ދެން ބައިއަތު ހިފާނެ ފަރާތެއް ކަމަށް ބޮޑަށް ލަފާ ކުރެވެނީ އިބްރާހީމް ރައީސީއެވެ.

މުހައްލިލުން ލަފާ ކުރާ ގޮތުގައި މި މުޒާހަރާތަކަކީ އީރާންގެ ސަރކާރަށް އޮތް ޗެލެންޖެކެވެ. ނަމަވެސް އެވަރުން އަދި އީރާންގެ މުއްލާ ނިޒާމު ވައްޓައެއް ނުލެވޭނެއެވެ.