މިހާރު ކުރިއަށްދާ އޭއެފްސީ ސަތާރަ އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި މިރޭ މިޔަންމާ 4-1 އިން ބަލިކޮށް އިންޑިޔާ އަދި ބޫޓާން 2-0 އިން ބަލިކޮށް ބަންގްލަދޭޝް މުބާރާތަށް ކޮލިފައިވުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.
ރާއްޖެއާއެކު ގްރޫޕް "ޑީ" ގައި ހިމެނޭ އިންޑިޔާ އާއި މިޔަންމާ ބައްދަލު ކުރި މެޗުގައިވެސް ތަރިޔަކަށް ވެގެންދިޔައީ އެންމެފަހުން ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އިންޑިޔާގެ ތަރިޔަކަށްވި ގޭންޓޭއެވެ. އޭނާ ވަނީ މިމެޗުގައިވެސް ދެލަނޑު ކާމިޔާބު ކޮށްދީފައެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ގުއިޓޭއެވެ.
މިމޮޅާއެކު މިހާތަނަށް ކުޅުނު ތިންމެޗްވެސް ކާމިޔާބުކޮށް އިންޑިޔާ ގްރޫޕުގެ އެއްވަނައިގައި އޮތީ 9 ޕޮއިންޓާއި ފައިދާ 11 ލަނޑާއެކުއެވެ. އިންޑިޔާއަށްވުރެ މަދުން އެއްމެޗް ކުޅެ 6 ޕޮއިންޓާއެކު އޮތީ ސައުދީ އަރަބިއްޔާއެވެ. ސައުދީއަށް ބާކީ އޮތީ އިންޑިޔާ އާއި ކުވައިތާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މިގްރޫޕުގެ ދެވަނަ މަގާމް އިންޑިޔާއަށް ގެއްލެން އޮތީ ބޮޑު ތަފާތަކުން ސައުދީ އަތުން ކުވައިތު މޮޅުވެ އަދި ސައުދީ އަތުން އިންޑިޔާ ބަލިވެގެންނެވެ.
ގްރޫޕް "އީ" ގައި ހިމެނޭ ބަންގްލަދޭޝްއަށް މިހާރުވެސް ވަނީ 6 ޕޮއިންޓާއެކު އެންމެ ދަށްވެގެން ގްރޫޕުގެ ދެވަނަ ލިބޭނެކަން ކަށަވަރު ވެފައެވެ. އެގައުމަށް ބާކީ އޮތީ ވަރުގަދަ ޔަމަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
މުބާރާތުގެ ކޮލިފިކޭޝަން ކުރިއަށް ގެންދަނީ 10 ގްރޫޕަކަށް ބަހާލައިގެންނެވެ. އަންނަ އަހަރު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ގައުމާއި ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހޯދާ 6 ގައުމެވެ. މިހާތަނަށް މުބާރާތަށް ކޮލިފައިވެފައި ވަނީ މުބާރާތް ބާއްވާ ގައުމު އުޒްބެކިސްތާނާއި އިރާނެވެ.