އެޑާ މިލިޓާއޯ ޖެހި ހަމައެކަނި ލަނޑުން ގެޓާފޭ 0-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން އަނެއްކާވެސް ލީގް ތާވަލުގެ ކުރިއަށް ރޭ ޖެހިލައިފިއެވެ.
ގެޓާފޭ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލިޓާއޯ ޖެހީ ކެޕްޓަން ލޫކަރ މޮޑްރިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލްއިން އިތުރު ގޯލެއްވެސް ޖެހިއެވެ. އެކަމަކު ރެފްރީ ނިންމީ ބްރެޒިލްގެ އުއްމީދީ ފޯވާޑް ރޮޑްރީގޯ ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ބްރެޒިލްގެ ނުރައްކާތެރި ވިންގަރ ވިނީޝިއަސް ޖޫނިއާ އަށް ކުރި ފައުލަކަށް ރެއާލްއަށް ދިން ޕެނަލްޓީ އެއް ފަހުން ނުދޭން ނިންމީވެސް ވީއޭއާރް ބެލުމަށްފަހުއެވެ. ވީއޭއާރުން ނިންމީ ފައުލް ކުރުމުގެ ކުރިން ވިނީޝިއަސް އަތުން ބޯޅަ ބޭރުވެފައިވާ ކަމަށެވެ.
މިމޮޅާއެކު ރެއާލް އެއްވަނައަށް ޖެހިލީ އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު އެއީ ދެވަނައިގައި އޮތް ބާސެލޯނާއަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 19 ޕޮއިންޓާއެކުއެވެ. ބާސާ މިރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ސެލްޓަވީގޯއާ ދެކޮޅަށެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖިރޯނާ އަތުން 2-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑް ވަނީ 16 ޕޮއިންޓް ހޯދައި ހަތަރުވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް ޖެހީ އާޖެންޓީނާގެ ވިންގަރ އެންހެލް ކޮރޭއާ އެވެ. ޖިރޯނާގެ ހަމައެކަނި ގޯލު ޖެހީ ރޮޑްރީގޯ ރިކޭލްމޭ އެވެ.