އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަން އަތުން 4-0 އިން ސިޓީ މޮޅުވި މެޗުގައި އެޓީމުގެ ނުރައްކާތެރި ފޯވާޑް އާރްލިންގ ހާލަންޑަށް ހެޓްރިކް ނުހެދުނީތީ ކޯޗް ޕެޕް ގާޑިއޯލާ "ދެރަ" ވެއްޖެއެވެ.

ހާލަންޑަށް ހެޓްރިކް ނުހެދުނީތީ "ދެރަ" ވާކަމަށް ގާޑިއޯލާ ބުނީ ޕްރިމިއަރ ލީގުން ހާލަންޑް ބޭރު ކުރުމަށް ބަޔަކު ޕެޓިޝަނެއް ހަދައިގެން އެކަމާއިގެން ކުރިއަށްދާ ދަނޑިވަޅެއްގައި އެކަމަށް މަޖާޒީ ގޮތަކަށް ރައްދު ދިނުމަށެވެ. މިސީޒަނުގައި މެން.ސިޓީއާ ގުޅުމަށްފަހު އޭނާ ވަނީ ލީގުގައި ކުޅުނު 8 މެޗުގައި 3 ހެޓްރިކް ހަދާފައެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި ރެކޯޑެކެވެ.

"ހާލަންޑަށް ހެޓްރިކެއް މިމެޗުގައި ނުހެދުނީތީ އަަހަރެން މިހުރީ ވަރަށް ދެރައިވެފައި އޭނާއާމެދު. އޭނާއާ ދެކޮޅަށް ޕެޓިޝަނެއްވެސް ހަދައިގެން އެއުޅެނީ އެހެންވެ" މަޖާޒީ ގޮތަކަށް ގާޑިއޯލާ ބުންޏެވެ.

މިމެޗުގައި ހާލަންޑަށް ޖެހުނީ އެންމެ ލަނޑެކެވެ. އެކަމަކު ހެޓްރިކެއް ހަދާލާނެ ވަރަށް އޭނާއަށް ފުރުސަތު ލިބުނެވެ. މީގެ ތެރެއިން އެއްހަމަލާ އެރީ ސައުތެމްޓަންގެ ގޯލުގެ ދަނޑިއަށެވެ. ސިޓީގެ އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ކެންސަލޯ އާއި މޮރޮކޯގެ ރިޔާދް މަހެރޭޒް އާއި އިންގްލެންޑުގެ ފިލް ފޯޑެންއެވެ.

ލަނޑެއް ޖަހަން ލިބުނު ފުރުސަތެއް ބޭކާރު ވުމުން ހާލަންޑް ދެރެވަފައި. ފޮޓޯ: މެންޗެސްޓަރއީވްނިންގނިއުސް

ގާޑިއޯލާ ބުނީ މީހުން އުއްމީދު ކުރަނީ ކޮންމެ މެޗެއްގައި ހާލަންޑުގެ ފަރާތުން ތިންހަތަރު ލަނޑު ފެންނާނެ ކަމަށެވެ. "އެކަމަކު ކޮންމެ މެޗެއްގައި ދެތިން ހަތަރު ލަނޑު ނުޖެހިދާނެ. މިމެޗުގައި (ސައުތެމްޓަން) ވެސް އޭނާ ރަނގަޅަށް ކުޅެފި. އަހަރެން ހިތްހަމަޖެހޭ އޭނާގެ ކުޅުމާމެދު" ގާޑިއޯލާ ބުންޏެވެ.

ސައުތެމްޓަން އަތުން ލިބުނު 3 ޕޮއިންޓާއެކު ސިޓީ ތާވަލުގެ ކުރީގައި އޮތީ 23 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އޮތީ 21 ޕޮއިންޓާއެކުއެވެ. މިރޭ ލިވަޕޫލް އަތުން މޮޅުވެއްޖެނަމަ އާސެނަލްއަށް އަލުން ތާވަލުގެ ކުރި ލިބޭނެއެވެ.